ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. މާމެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި އޭޓީއެމް ސެންޓަރގެ ހިދުމަތާއެކު މިވަގުތު ލ. އަތޮޅު ފޮނަދޫ އަދި ގަމުގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތް ބީއެމްއެލްއިން ދަނީ ދެމުންނެވެ. މީގެ އިތުރުން މާވަށުގައި ސެލްފް ސަރިވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 78 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު އެ ބޭންކްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.