ދ. ކަނޑިންމަ ރިސޯޓްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީގޮތުން ހިފަހައްޓައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ ރިސޯޓުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓީ ކޮވިޑް ޖެހިގެން އެ ރިސޯޓުގެ މުވައްޒަފަކު މަރުވި މައްސަލާގައި އެ ރިސޯޓަށް އިހްމާލުގެ ތުހުމަތުތަކެއް ކުރެވޭތީ އެވެ.

ފުލުހުން އަންނަނީ އެޗްޕީއޭ އިން ހުށަހެޅި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެއްވެސް އެއްޗެއް އެކަމާ ގުޅޭގޮތުން ދަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު "ހުރިހާ" އަށް މައުލޫމާތު ދެމުން ބުނީ އެ ރިސޯޓު ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާކަމަށް މެނޭޖްމަންޓުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މުވައްޒަފުގެ މަރާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އެ ރިސޯޓަށް އަމާޒުވެފަ އެވެ.

މަރުވި މީހާގެ އަންހެނުން ބުނީ ބޭސްފަރުވާއަށް ފޮނުވައިދިނުމަށް ތަކުރާރުކޮށް އޭނާގެ ފިރިމީހާ އެދުމުން ވެސް ރިސޯޓުން އެކަމަށް އިޖާބަދީފައިނުވާ ކަމަށެވެ.