ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް "މިސްޓްރީ ގެސްޓުން" ތައާރަފުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނިގޮތުގައި އެގޮތުން "މިސްޓްރީ ގެސްޓުން" ޓޫރިސްޓް ފެސިލިޓީތަކަށް ގޮސް ކުރާ ތަޖުރިބާއަށް ބިނާކޮށް އެ ޓޫރިސްޓް ފެސިލިޓީއެއްގައި ގާއިމްކޮށްފައިވާ ސްޑޭންޑަޑް ޕްރޮސީޖާ އާއި ގައިޑްލައިންއަށް އަމަލުކުރަމުންދާ މިންވަރާއި ފެންވަރު ޓޫރިޒަމް މިނިސްޓްރީއަށް ރިޕޯޓްކުރާނެ އެވެ.

"މިދެންނެވި ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ބުކިންގ ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ ޓޫރިސްޓުން އަމިއްލައަށެވެ،" އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ "މިސްޓްރީ ގެސްޓުން" ގެ ޕްރޮގްރާމުގެ އިތުރުން، ޓޫރިސްޓް ފެސިލިޓީތަކުން ސްޓޭންޑަޑް ޕްރޮސީޖާއާއި ގައިޑްލައިންއަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޓޫރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރާނެ ކަމަށެވެ.

މިއީ، ރައްޔިތުންނާއި، ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް، ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން އަމަލުކުރަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.