ކޮވިޑަށް މިހާތަނަށް 26 ރިސޯޓަކުން 52 ޓޫރިސްޓުންނާއި 138 މުވައްޒަފުން ޕޮޒިޓިވްވެއްޖެ އެވެ.

ނަމަވެސް އެއީ ކޮން ރިސޯޓްތަކެއް ކަމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދ. ކަނޑިންމަ ރިސޯޓުން 60 މުވައްޒަފަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވި 19 މީހަކު 14 ރަށެއްގައި އެބަތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ 14 ބިދޭސީންނާއި ފަސް ދިވެހިންނެވެ.

އެ އެޖެންސީ ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި ހަ ބިދޭސީންނެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 18 މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 26 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 11،092 އަށް އިތުރުވެފަ އެވެ. މިބަލީގައި މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. އެއީ 32 ދިވެހިންނާއި، 8 ބިދޭސީންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 847 އަށް އަރައިފަ އެވެ. އަދި 226 މީހަކު މިހާރު ވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 60 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި ވޯޑުގައި އެކަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 44 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، ތިން މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.