Advertisement

ހަފްތާ އަކު ފަސް ފްލައިޓާ އެކު ގަލްފް އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

FacebookTwitterWhatsAppTelegramViber

ހަފްތާ އަކު ފަސް ފްލައިޓާ އެކު ގަލްފް އެއާގެ ދަތުރުތައް މިއަދު ރާއްޖެ އަށް ފަށައިފި އެވެ.

މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ގަލްފް އެއާގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގެ ގަލްފް އެއާގެ ފްލައިޓް ކުރޫންނަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ބަހްރެއިންގެ ގައުމީ އެއާލައިނުން ހަފްތާ އަކު ފަސް ދަތުރު ސީދާ ރާއްޖެ އަށް ކުރާނެ އެވެ.

ބަހްރެއިން އިންޓަނޭޝަލް އެއާޕޯޓުން، އެ ގައުމުގެ ގަޑިން ރޭގަނޑު 11:20 ގައި ނައްޓާލާ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެ ގަޑިން ހެނދުނު 6:25 ގައި ޖެއްސުމަށް ފަހު، ރާއްޖެ ގަޑިން 7:25 ގައި ކޮލަމްބޯ އަށް ދަތުރުކުރާނެ އެވެ. އެނބުރި ބަހްރެއިނަށް ދާ ފްލައިޓް ލަންކާ ގަޑިން ހަވީރު 4:55 ގައި ކޮލަމްބޯ އިން ނައްޓާލުމަށް ފަހު ރާއްޖޭގައި ޖައްސާނީ ރާއްޖެ ގަޑިން ހަވީރު 5:55 ގަ އެވެ. ރާއްޖެ އިން ފުރާ ފަސިންޖަރުން އަރުވައިގެން، ރާއްޖެ ގަޑިން އިރުއޮއްސި 6:55 ގައި ނައްޓާލާ ފްލައިޓް ބަހްރައިނުގައި ޖައްސާނީ އެ ގައުމުގެ ގަޑިން ރޭގަނޑު 10:05 ގަ އެވެ.

މި ދަތުރުތަކުގައި ބޭނުންކުރާނީ، ގަލްފް އެއާ އިން މުޅިން އަލަށް ގެނައި އެއާބަސް އޭ320 ނިއޯ މަރުކާގެ ބޯޓެކެވެ. ދެ ހާސް ތޭވީސް ވަނަ އަހަރުގެ ކުރިން ގަލްފް އެއާ އިން ގެނައުމަށް ހަމަޖެހިފައިވާ އެއާބަސް އޭ320 ނިއޯ މަރުކާގެ 12 ބޯޓުގެ ތެރޭގައި ހިމެނޭ ތިން ވަނަ ބޯޓު އެ އެއާލައިނުގެ ފްލީޓާ ގުޅިފައި ވަނީ މިދިޔަ ޖޫން މަހު އެވެ.

ބަހްރެއިންގެ ގައުމީ އެއާލައިންގެ ދަތުރުތައް މި އަހަރުގެ ތެރޭގައި ރާއްޖެ އަށް ފެށުމަށް ނިންމާފައިވާކަން މިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ވަނީ އިއުލާނުކޮށްފަ އެވެ. އެކަން އިއުލާނު ކުރެއްވީ، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ބަހްރެއިންގެ ސަފީރު އަބްދުއްރަހުމާން މުހައްމަދު އަލް ގައުދު އެވެ.

މީގެ އިތުރުން، ގަލްފް އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމާ ގުޅޭ ރަސްމީ މަޝްވަރާތައް ކުރިއަށް ދާ ކަމަށް އެމްއޭސީއެލް އިން 2017 ގައި ބުނެފައިވެ އެވެ.

މީގެ 69 އަހަރު ކުރިން 1950 ގައި އުފެއްދި ގަލްފް އެއާ އަކީ މެދުއިރުމަތީގެ މައި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިން އެކެވެ. ދުނިޔޭގެ 28 ގައުމެއްގެ 50 މަންޒިލަކަށް އުދުހޭ ގަލްފް އެއާ އިން 36 މަތިންދާބޯޓް އޮޕަރޭޓް ކުރެ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ބޯއިން 787 ޑްރީމްލައިނާ އާއި އެއާބަސް އޭ320 ނިއޯ ހިމެނެ އެވެ.

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު 53،000 ޓޫރިސްޓުން މެދުއިރުމަތިން ރާއްޖެ އައިސްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މެދުއިރުމަތީގެ ގައުމުތަކުން 42,774 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.9 ޕަސެންޓް އިތުރު އަދަދެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top