އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮޖެކްޓެއްގެ ދަށުން ހަދަން ޖެހޭ ގްރީން ހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމުގެ މަސައްކަތާއި ހަވާލުވާނެ ބަޔަކު ހޯދަން ފަށައިފި އެވެ.

އެ މިނިސްޓްރީން ވަނީ "ޕްރިޕްރޭޝަން އޮފް މޯލްޑިވްސް ތާޑް ނޭޝަނަލް ކޮމިއުނިކޭޝަން ޓު ދަ ޔޫއެންއެފްސީސީސީ ޕްރޮޖެކްޓް" އަށް ބޭނުންވާ ގްރީން ހައުސް އިންވެންޓްރީ ތައްޔާރުކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، އެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައި ހުށަހަޅާއިވާ ޝަރުތުތައް ހިމެނޭހެން، އެފަރާތެއްގެ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ބީލަމާއި ގުޅިގެން މައުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާއިރު، ހުށަހަޅަންވާނީ ސިޓީ އުރައެއްގައިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ސިޓީ އުރައިގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވުމަށް ކަނޑައެޅުފައިވާ ވަގުތާއި ތާރީހުގެ އިތުރުން، ހުށަހަޅާ ފަރާތުގެ ނަމާއި، އެފަރާތަކާއި މުއާމަލާތު ކުރެވޭނެ ފޯން ނަމްބަރަކާއި، އީމެއިލް ލިޔެފައި އޮންނަން ވާނެކަމަށެވެ.

އޭގެ އިތުރުން އިއުލާނުގައި ބުނާގޮތުން ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަހެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.