ރާއްޖޭގައި ދޭ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރާއި އިންޑިއާގެ ރިލަޔަންސް ޖިއޯ އިންފޯކޮމް ގުޅިގެން ސަބްމެރިން ކޭބަލެއް އަޅަން ނިންމައިފި އެވެ.

މި ސަބްމެރިން ކޭބަލް އަޅަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެޓް މޯލްޑިވްސް އިންނެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މާދަމާ ހެނދުނު ކްރޮސްރޯޑްސް ބާއްވަން ވަނީ ނިންމައިފަ އެވެ.

ސަބްސީ ކޭބަލް ސިސްޓަމް ގާއިމުކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވެސް ބައިވެރިވާނެ ކަމަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ މި ކޭބަލް އަޅަނީ ރާއްޖޭގެ އިންޓަނެޓް އިންފްރާސްޓްރަކްޗާ ވަރުގަދަކުރަން ކަމަށެވެ. އަދި އެ ކޭބަލް އެޅުމުން ދުނިޔޭގެ އެންމެ ވަރުގަދަ ޑޭޓާ ހަބްތަކާ ގުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރުން ދުނިޔޭގެ އެންމެ ވަރުގަދަ ޑޭޓާ ހަބްތަކާ ރާއްޖެ އޮންނާނީ ގުޅިފައި. މިއީ ވަރަށް މުހިންމު ކޭބަލެއް ރާއްޖޭގެ އިންޓަނެޓް އިންފްރާސްޓްރަކްޗާ ވަރުގަދަކުރަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މި މަޝްރޫއު އިންޑިއާގެ ރިލަޔަންސްއާއެކު ކުރިޔަށް ގެންދަން ނިންމީ ކީއްވެގެން ކަމެއް އަދި އެ މަޝްރޫއު ކުރިޔަށް ގެންދަން ހަރަދުވާނެ މިންވަރެއް ވެސް އެ އޮފިޝަލް ވިދާޅެއްނުވެ އެވެ.

ރާއްޖޭގައި މިހާރު ވެސް އިންޓަނެޓާއި މޮބައިލް ފޯނުގެ ހިދުމަތް ދޭން ތިން ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ.

ރާއްޖޭގައި މުވާސަލާތީ ޙިދުމަތްދެމުން އަންނަ ދިރާގާއި އުރީދޫގެ އިތުރުން ސްރީލަންކާގެ ޑައިލޮގް އެޒިއާޓާ ގުޅިގެން 2020 ގައި ވެސް ކޭބަލެއް އަޅާފައިވެ އެވެ.