އަންނަ އަހަރަށް ލަފާކޮށް 34.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ 34،787،720،151 ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އެ ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރު ވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށާއި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިއަހަރަށް ހުށަހެޅި ބަޖެޓަށްވުރެ އަންނަ އަހަރުގެ ބަޖެޓު ކުޑަކުރި ނަމަވެސް އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން ބަޖެޓުގެ ޑެފިސިޓް ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ހުށަހަޅާފައިވާ ބަޖެޓު މަޖިލީހުން ފާސްކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު އަލުން އާރާސްތުކޮށް ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވިކުރުމަށާއި ސަރަހައްދީ ތަރައްގީ ގެނައުމަށާއި ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި މި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަޖެޓް ހުށަހަޅަނީ ކޮވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިގްތިސޯދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ކަމަށް ވިދާޅުވި އެވެ. އަދި މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިގްތިސޯދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު މި އަހަރު ރާއްޖޭގެ އިގްތިސޯދު ވަނީ 29.3 އިންސައްތައިން ކުޑަވެފައި ކަމަށް އަމީރު ފާހަގަ ކުރެއްވި އެވެ.