ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތަރައްގީގެ މަޝްރޫއުގެ ސްޕީޑް އަވަސްކުރަން އަންނަ އަހަރުގެ ބަޖެޓްގައި 1.1 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު އެއް ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ވީއައިއޭގެ އިތުރުން ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުތައް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ރޭވިފައިވާނެ ކަމަށެވެ.

"މިއާއެކު އުތުރާ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އެސަރަހައްދު ތަކުގައި ތަނަވަސް ވެގެންދާނެ. މީގެ އިތުރުން ޑޮމެސްޓިކް ގިނަ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ވެސް ވާނީ މިބަޖެޓުގައި ރޭވިފައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު އަލުން ރިކަވަ ވާއިރަށް މި މަޝްރޫއުތައް ނިމި، މިވަސީލަތްތަކުގެ އިގުތިސާދީ ފައިދާ ލިބި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ.