ދިރާގުން ދުނިޔޭގެ ވަރުގަދަ މުއާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއަކާ ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް އަމަލީގޮތުން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލް ސިސްޓަމް އާއި ރާއްޖެ ހިމެނޭ ގޮތަށް 11 ގައުމެއް ގުޅާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސިންގަޕޫރުން ފެށިގެން ފްރާންސް އާ ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިމޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސްގެ ސްޕީޑް ޓްރާންސްމިޓް ކުރެވޭ ވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމެކެއެވެ. އަދި މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖްތަކަށް ދިރާގުގެ ނެޓްވާކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި މި މިމަޝްރޫޢުގެ ސަބަބުން ވިޔަފާރި ތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުޢާސަލާތީ އަދި ޑިޖިޓަލް ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ޚިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެ އެވެ.

"ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވައި މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށްވުމަށް އިތުރު ބާރެއް ލިބިގެންދާނެ. އަދި މިއީ ރާއްޖެގައި އިންވެސްޓުކުރާ ވިޔަފާރިތަކަށް ވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމެއް. ދިރާގުން މަސައްކަތްކުރަމުން ދަނީ 5ޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ވާޗުއަލް ރިއާލިޓީ ފަދަ ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް،" އެ ކުންފުނިން ބުންޏެވެ.

ދިރާގުން އަލަށް އަޅާ ސަބްމެރިން ކޭބަލާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އިސްމާއިލް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ދިރާގު

ދިރާގުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި ހާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެކެވެ. އަދި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލްތަކަކާ ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަނެޓްގެ ސްޕީޑާއި ފެންވަރު އިތުރަށް ރަނގަޅުވެ، އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަން ސީއީއޯ ފާހަގަކުރެއްވި އެވެ.

އެ ކުންފުނިން ބުނިގޮތުގައި ދިރާގަކީ ކަސްޓަމަރުން ބޭނުންކުރާ ދިރާގުގެ ޑިޖިޓަލް ޚިދުމަތްތަކުން ލިބިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމައު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.