Advertisement

މޯލްޑިވިއަންގެ ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށައިފި

FacebookTwitterWhatsAppTelegramViber

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން، ހދ. ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

ހަނިމާދޫ އިން ކޮޗިން އަށް ދަތުރުކުރި މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް މިއަދު ބާއްވާފައިވާއިރު، މި ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިޔާތުގެ ޝަރަފުވެރި މެހުމާނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ އަހްމަދު ޖަލީލް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދޫ އެއާޕޯޓު މެދުވެރިކޮށް ގިނަ އަދަދެއްގެ މީހުން ބޭސްފަރުވާ އަށް އިންޑިއާ އަށް ދާ ކަމަށެވެ. އެހެންކަމުން، މިއަދު މިފެށުނު ދަތުރުތަކުގެ ސަބަބުން މާލެ ނުގޮސް ފަސޭހަ އިން ކޮޗިން އަށް ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން، މިއީ އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ވެސް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ. އަދި މި ސަރަހައްދުގެ ފަތުރުވެރިކަމާއި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް މިކަމުގެ ފައިދާ ކުރާނެ،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވަނީ ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވަން ނިންމާފަ އެވެ. ހަނިމާދޫން ކޮޗިން އަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 199 ޑޮލަރު (3069 ރުފިޔާ) ގަ އެވެ.

މީގެ އިތުރުން، މާލެ އާއި ކޮޗިންއާ ދެމެދު ވެސް މޯލްޑިވިއަން އިން ސީދާ ދަތުރުތައް ކުރެ އެވެ. މާލެ އާއި ކޮޗިންއާ ދެމެދު ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 150 ޑޮލަރަށެވެ.

މޯލްޑިވިއަން އިން އަންނަނީ އިންޑިއާގެ އެހެން ސިޓީތަކަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރު ވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top