މަންޓާ އެއާ އިން އައްޑޫއަށް ކުރާ ދަތުރުތަކަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

އެތެރޭގެ އުދުހުންތަކުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދެމުން އަންނަ އެއާލައިނުން ސ. ގަމަށް ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އެ އެއާލައިނުން ހިންގާ "މަންޓާ އައްޑޫ ޕްރޮމޯ" ގެ ދަށުން 22 ކިލޯގެ ޗެކިން ލަގޭޖާއެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެ އެވެ. ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ.

މި ޕްރޮމޯޝަންގެ ދަށުން 35 ކިލޯގެ ލަގޭޖާ އެކީ ސަފާޔާ (ބިޒްނަސް) ކްލާހުގެ ޓިކެޓެއް ވިއްކަނީ 1،850ރ. އަށެވެ. ސަފާޔާ ކްލާސްގެ އާންމު އަގަކީ ކޮޅަކަށް 2،400ރ. އެވެ.

https://www.facebook.com/flymantaair/posts/1104508426992698

މަންޓާ އިން ބުނީ މި ޕްރޮމޯޝަން އެއްމަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާނެ ކަމަށެވެ.

މަންޓާއިން އައްޑޫއަށް ޝެޑިއުލް ދަތުރުތައް ފަށާއިރު އެ އެއާލައިން ހަފްތާއަކު ކޮންމެ ދުވަހަކު ދަތުރުތައް ކުރާނެ އެވެ. އަދި ޑިމާންޑަށް ބަލައި އިތުރު ދަތުރުތައް ކުރާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މަންޓާއިން ދަތުރުކުރަން އޮންލައިންކޮށް ވެސް ޓިކެޓް ގަނެވޭނެ އެވެ.

އައްޑޫއަކީ މަންޓާ އިން ދަތުރު ކުރާ ތިން ވަނަ މަންޒިލެވެ. މިހާރު އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ކުރަނީ ދ. ކުޑަހުވަދު އަށާއި ބ. ދަރަވަންދުއަށެވެ.

އައްޑޫއަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ޖާގަ ތަނަވަސް ބޯޓުތަކެކެވެ.