މާފުށީ އިންޖީނުގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް، ހުރިހާ އިންޖީނު ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ތެރެއިން ކ. މާފުށީ އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 33.48 ކިލޯވަޓްގެ ހަކަތައުފެއްދޭ ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ނިމުމުން ހަކަތަ އުފެއްދުމަށް ތެޔޮ ބޭނުންކުރާ މިންވަރު މަދުވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓް ބިލު ވެސް ކުޑަ ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ މިޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ކަމަށެވެ.

ރާއްޖެ އަމާޒު ހިފާފައި ވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.