އަންނަ އަހަރުގެ ބަޖެޓް ދަރަނި ފޫބައްދަން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެ ސުކޫކް ވިއްކުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) އާ ގުޅިގެން ކަމަށެވެ. އަދި އެ ކަމުގެ އެގްރީމަންޓެއް މިހާރު ވެސް އެ ފަރާތާއެކު ހެދިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ސުކޫކްގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެ ބޮންޑުން 100 މިލިއަން ޑޮލަރު ހޯދޭތޯ މަަސައްކަތްކުރެވޭނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އަދި ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރޭވިފައިވޭ. އަދި މިނޫނަސް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ޤައުމުތަކާއެކު ފައިނޭންސް ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ބޮންޑު ވިއްކުމުގެ މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލާފައިވަނީ ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން ކަމަށެވެ. މިގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްފެށި ސަމުރާއީ ބޮންޑު މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަމީރު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓަށް ބޮންޑު ވިއްކުމުގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރާވާފައިވާ ކަމަށެވެ.

"މިއީ ކުރީ އަހަރު ތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިން ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ބަޖެޓް ދަރަންޏަށް ފައިސާ ހޯދުމަށް ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

" މީގެ ބޭނުމަކީ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކް މާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައް. އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ފައްސިޔަކުރުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުމަކީ އެކި ދިރާސާ ރިޕޯޓްތަކުގެ ރިކޮމެންޑޭޝަނެއް ކަމަށެވެ. އަދި ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 462.6 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށެވެ.