ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް މަތިމަރަދޫ އަވަށު ބޮޑުމަގުގައި ވަނީ ސޯލާ މަގުބައްތި ހަރުކޮށްފަ އެވެ. އަދި ކޮމިއުނިޓީ ބީޗް ޕާކުގައި ވަނީ އެ ސަރަހައްދަށް ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބެންޗު ބަހައްޓައި، އުނދޯލި ބަހައްޓައި ބާބަކިއު ހެދޭނެ ގޮތް ގާއިމްކޮށްފައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ޕާކުގެ ވަށައިގެން ވަނީ ލަކުޑިން ފެންސް ޖަހައި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އައުޓްޑޯ ޝަވަރެއް ހަރުކޮށް، ރޭގަނޑު އަލިވާނެހެން ސޯލާ މަގުބައްތި ބަހައްޓައި، ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިން ވެސް ބަހައްޓާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބ. ކުޑަރިކިލުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފަ އެވެ. އަދި މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރި ކުރުވުމާއި ރަށުގެ މަގުތައް އަނދިރިވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު މަތިމަރަދޫ އަވަށު ބޮޑުމަގުގައި ސޯލާ މަގު ބައްތި ހަރުކޮށްފައި. ފޮޓޯ: ބީއެމްއެލް

އެ ބޭންކުން ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.