ރަޝިޔާއާއި ޔޫކްރެއިންގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ފައިދާއާއި ގެއްލުން ބިނާވަނީ ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް ކަމަށްވާތީ ބޮޑު ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައެއް ހިނގައިފިނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ނުވެ ނުދާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެ ކަންކަމަކީ ދިވެހި ސަރުކާރާ ގުޅުމެއް ނެތް ހަމަނުޖެހުންތަކަކަށް ވާތީ އެގޮތަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ގޮތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރަޝިއާ އަކީ އަޅުގަނޑުމެންގެ މިވަގުތު ލީޑިން މާކެޓް. އަދި ޔުކްރޭނަކީ ވެސް ޔޫރަޕް ސަރަހައްދުން ރާއްޖެ އަށް ގިނަ ފަތުރުވެރިންތަކެއް އަންނަ ގައުމެއް. އެހެންވެ އެ ދެ ގައުމުން އެ އަންނަ އަދަދު މަދުވެއްޖެނަމަ އެ އަދަދު މާކެޓް ކޮށްގެން އިތުރު ކުރެވޭނެ ކަމަކަށް ނުބެލެވޭ،" މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ 20،973 މީހުންނެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔުކްރޭނުންނެވެ. އެއީ 7،2010 މީހުންނެވެ.