އަންނަ ހަފްތާއިން ފެށިގެން ހިޔާ ފްލެޓް ސަރަހައްދުން ސީދާ މާލެއަށް ބަސް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފަސޭހަ ދަތުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތަކާ ބެހޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލެއިން ހުޅުމާލެ ފޭސް ދެޔަކަށް ބަސް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ޓްރެފިކް ބާރުބޮޑު ނުވާކަމުގައިވާނަމަ ކޮންމެ ގަޑިއިރަކުން، ބަސްދަތުރު އޮންނާނެކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އަމާޒަކީ މިއަހަރުގެ ޖުލައިގެ ކުރިން ކޮންމެ 15 މިނިޓަކުން ފޭސް ދެޔަކަށް ދަތުރު ފެށުންކަމަށް އާޒިމް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް އަޅާފައިވާ ސަރަހައްދަށް ބަހުގެ ހިދުމަތް ފުރަތަމަ ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އެވެ. ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ފޯރުކޮށްދެ އެވެ. ބަހުގެ ހިދުމަތް ފެށި ނަމަވެސް އެ ސަރަހައްދުގެ ބަސް ސްޓޮޕްތައް ތަރައްގީކޮށް އަދިވެސް މުޅިން ނުނިމެ އެވެ.

ބަހުގެ ހިދުމަތް މިހާރު ފޭސް ދެއަކަށް ލިބެނީ ފޭސް އެކަކަށް ބަސް ހުއްޓައި އެތަނަށް އެހެން ބަހެއް ދިއުމުން އެއަށް އަރައިގެން މާލެ އަންނަން ޖެހޭ ގޮތަށެވެ. ހިޔާ ފްލެޓްތަކުގެ އާބާދީ އިތުރުވަމުން އަންނައިރު އަދި ގިނަ އަދަދެއްގެ ސްކޫލު ކުދިން ވެސް އެ ސަރަހައްދުގައި އުޅެމުން އަންނާތީ މިހާރު ބަހުގެ ހިދުމަތަށް ބާރު ބޮޑުވެ ޝަކުވާ ވަނީ ގިނަވެފަ އެވެ.