މަންޓާ އެއާއިން ސ. ގަމަށް ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އެ އެއާޕޯޓުން މަންޓާގެ ފުރަތަމަ ފްލައިޓަށް ވަނީ ފެނުގެ ސެލިއުޓާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މާލެ އިން ގަމަށް ކުރި މި ދަތުރުގައި މަންޓާގެ އިސްވެރިން ބައިވެރިވެވަަޑައިގެންނެވިއިރު، ގަން އެއާޕޯޓުން މަރުހަބާ ވިދާޅުވީ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އައްޑޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ މަންޓާ އިން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ފެށީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ބަލައި މާކެޓް ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި އެއާލައިންގެ ދަތުރައް އައްޑުއަށް ފަށައިދޭން އެދި އައްޑޫގެ ވަރަށް ގިނަ ބަޔަކު ތަކުރާރުކޮށް އެދެމުން ވެސް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްްވިއްޔާ މިއީ ވަރަށް ކާމިޔާބު ފެށުމަކަށް ވާނެ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކަސްޓަމަރުން ބޭނުންވާ ފަދަ ފުރިހަމަ ހިދުމަތެއް ދޭން،" ހަލީލް ވިދާޅުވި އެވެ.

މަންޓާ އެއާގެ ދަތުރުތައް ފެށުމުގެ ގޮތުން މިއަދު މެންދުރު ދިޔަ ބޯޓު ގަމުގެ ވައިގެ ބަނދަރުގައި. ފޮޓޯ | ހުރިހާ

ޚަލީލް ވިދާޅުވީ، މަންޓާގެ ދަތުރުތަކާއެކު ގަމަށް ދަތުރުކުރާ އެހެން އެއާލައިންތަކުން ވެސް ހިދުމަތް ރަނގަޅުކުރަން ޖެހޭ ކަމަށާއި މިހާރު ވެސް އެ ކަން ފެންނަން ފަށައިފި ކަމަށެވެ. އަދި މިއީ ގަމަށް ދަތުރު ކުރާ ފަސިންޖަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ދަތުރުތައް ފެށީމާ އެހެން އެއާލައިންތަކުން ވެސް ހިދުމަތްތައް ރަނގަޅު ކުރަން ޖެހޭނެ. އަޅުގަނޑުމެން ވެސް ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރަން ޖެހޭނެ. މީގެ ސަބަބުން ފައިދާވާނީ ދަތުރުކުރާ މީހުންނަށް،" ޚަލީލް ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދެމުން އަންނަ އެއާލައިނުން އައްޑުއަށް ދަތުރުތައް ފެށީ ހާއްސަ ޕްރޮމޯޝަނަކާއެކު އެވެ.

މަންޓާ އިން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ގަމަށް ދަތުރެއް ބާއްވާނެ އެވެ. އަދި ދަތުރުތައް ފެށީ އެއް މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކާ ވެސް އެކީީގަ އެެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 26 އަށް "މަންޓާ އައްޑޫ ޕްރޮމޯ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 22 ކިލޯގެ ޗެކްޑްއިން ލަގޭޖާ އެކު ކޮމްފަޓް (އިކޮނޮމީ) ކްލާހުގައި 1،250ރ. އަށް ދަތުރުކުރެވޭނެ އެވެ. ކޮމްފަޓް ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ. އަދި 35 ކިލޯގެ ލަގޭޖާ އެކީ ސަފާޔާ (ބިޒްނެސް) ކްލާހުގައި 1،850ރ. އަށް ދަތުރުކުރެވޭނެ އެވެ. އެ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 2،400ރ. އެވެ.

މާލެ އިން މިއަދު ގަމަށް ދިޔަ މަންޓާގެ އިސްވެރިންނަށް އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އައްޑޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު މަރުހަބާ ދަންނަވަނީ. ފޮޓޯ | ހުރިހާ

މަންޓާއިން ބުނީ މި ދަތުރުތަކުގައި ބޭނުންކުރާނީ އޭޓީއާރް 600-72 މަރުކާގެ ބޯޓުތަކެވެ.

އެ އެއާލައިނުން ބުނީ އައްޑޫ ކުރާ ދަތުރުތައް އިތުރު އަގަކާއި ނުލައި ދަތުރުކުރާ ދުވަސް އެއްފަހަރަށް ވުރެ ގިނައިން ބަދަލު ކުރެވޭނެ ކަމަށެވެ.