ރާއްޖޭގައި މިވަގުތު ތިބި ރަޝިޔާ އާއި ޔޫކްރެއިންގެ ފަތުރުވެރިން އެމީހުންގެ ވީސާ އިތުރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު ހަނގުރާމައެއް ފެށިފައިވާ ދަނޑިވަޅެއްގަ އެވެ. އަނެއްކޮޅުން އެ ދެ ގައުމަކީ ވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދެ ގައުމެވެ.

ރަޝިޔާ އަކީ މިދިޔަ އަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އަދި މިއަހަރުގެ މިހާތަނަށް ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އަދި ޔޫކްރެއިނަކީ އަހަރުގެ މިހާތަނަށް 8 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

މިހާރު ވެސް މި ދެ ގައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މިނިސްޓަރު މައުސޫމް "ޕީއެސްއެމް"ގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކަށް އެތަނުގައި ތިބި ރަޝިއާއާއި ޔޫކްރެއިންގެ ފަތުރުވެރިންގެ އަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ތިބި މި ދެ ގައުމުގެ ފަތުރުވެރިން ވީސާ އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވީސާ އިތުރަށް ބޭނުންވެއްޖިއްޔާ ޓޫރިސްޓް ވީސާ 90 ދުވަހަށް ވެސް ލިބޭނެ އެކިފަހަރު މަތިން. އިމިގްރޭޝަނުން މިއަދު އަޅުގަނޑަށް ޔަގީންކަން އެރުވި އެއްވެސް ހާލަތެއްގައި އެބޭފުޅުން ރަށަށް ދިއުމުގައި ދަތިތަކެއް ދިމާވެގެން ރަށަށްދާން ބޭނުން ނުވެގެން މަޑުކޮށްގެން ވެސް ދިގުލައިގެން ގޮސްގެން ވީސާ އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލަ އޮފް އިމިގްރޭޝަނަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން އެ ވީސާ ދެއްވާނެކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމާއި، ހަމަލާ ބަދަލުކުރުން ފެށިގެން އުޅޭ ސަރަހައްދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންގެ 20 އިންސައްތައަކީ އެ ދެ ގައުމުގެ ފަތުރުވެރިން ކަމަށެވެ.

"ބައި މީހުން ހަނގުރާމަކުރަން ފެށީމަ އޭގެ އަސަރު ވަރަށް ބޮޑުވާނެ. ދެން އަޅުގަނޑުމެންނަށް އިންޑަސްޓްރީން މިއަދު ޚަބަރުކުރި ގޮތުގައި މިހާރު އެބަ ކެންސަލޭޝަންސް އާދޭ. ދެން މި ކޮންފްލިކްޓް ދިގުލައިގެން ދަންޏާ އޭގެ އަސަރު އަދި ބޮޑުވާނެ. ރާއްޖެ ކޯވިޑުން އަރައިގަނެވުނު ކަހަލަ އިހްސާސެއް ވެފައި ހުއްޓާ އަނެއްކާ މިކަންތައް މި ލައިގަތީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ޓޫރިޒަމް އަންނަނީ މަޑުމަޑު ރަނގަޅުވަމުން. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތައް ދައްވެދާނެކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިފަހަރުވެސް ސަރުކާރާއި މިދާއިރާގެ އިސްފަރާތްތައް ގުޅިގެން މިކަމުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.