Advertisement

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް

މިދިޔަ އަހަރަށް ވުރެ ބޮޑު ފައިދާއެއް މި އަހަރު ލިބޭނެ: އައިލެންޑް އޭވިއޭޝަން

FacebookTwitterWhatsAppTelegramViber

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ގެއްލުން ވެފައިވީ ނަމަވެސް، މުޅި އަހަރަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ ބޮޑު ފައިދާއެއް މި އަހަރު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ ދެވަނަ ކުއާޓަރުގައި 10 މިލިއަން ރުފިޔާގެ ގެއްލުމެއް ކުންފުންޏަށް ވީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ.

އާއްމުކޮށް ދެވަނަ ކުއާޓަރުގައި ގެއްލުންވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރު ދިމާވީ ރަމަޟާން މަހަށް ކަމަށާއި އެއީ އާއްމު ގޮތެއްގައި ދަތުރުކުރުން މަދު މަހެއް ކަމަށެވެ.

މީގެ އިތުރުން، ޓިކެޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ވެސް ކުންފުންޏަށް ލިބޭ އާމްދަނީ ދަށަށް ގޮސްފައިވާ ކަން ވެސް ރިޒުވީ ފާހަގަކުރެއްވި އެވެ. އެގޮތުން، މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކަށް ޑިސްކައުންޓްގެ ގޮތުގައި މިއަދާ ހަމައަށް 73 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް، ރިޒުވީ ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު ކުންފުނި އޮތީ ފައިދާގައި ކަމަށެވެ.

"2018 އަދި 2019 ގެ ކޮމްޕެރިޝަނެއް ހަދަންޏާ އަދިވެސް އަޅުގަނޑުމެން މި އުޅެނީ ކުރީގައި،" އޭނާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަން ބަނގުރޫޓުވާން ކައިރިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައާ ގުޅޭ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެއީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ބަޔަކު ރާވައިގެން ފަތުރަމުންދާ ވާހަކައެއް ކަމަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އަންގާރަ ދުވަހު އާއްމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އައިއޭއެސް އަށް އެ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވެ، 457.9 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. އަދި ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ފައިދާ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 116 ޕަސެންޓް ދަށްވެ، ކުންފުންޏަށް ވަނީ 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

ނަމަވެސް، އައިއޭއެސް އިން މިއަދު ބުނީ މި ރިޕޯޓުގައި ހުރި މިދިޔަ އަހަރުގެ ހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ނޫން ކަމަށެވެ. މީގެ އިތުރުން، ދެވަނަ ކުއާޓަރުގައި ގެއްލުންވެފައި ވަނީ ކުންފުނި ހިންގުން ނުވަތަ ރަނގަޅަށް މެނޭޖް ނުކުރެވިގެން ކަމަށް ވެސް އެ ކުންފުނިން ގަބޫލެއް ނުކުރެ އެވެ.

ދެވަނަ ކުއާޓަރުގައި އައިއޭއެސް އަށް ގެއްލުމާ ކުރިމަތިލާން ޖެހުނުއިރު، އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ދެ ގުނަ އިތުރުވެ، 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރާފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top