އަސާސީ ބޭނުންތައް ފުއްދަން ދަތި ތިން އާއިލާއަކަށް ހިލޭ ގެ އަޅައިދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

އެ ގެތައް އަޅާނީ ބީއެމްއެލްގެ ހައުސިން ގްރާންޓުގެ ދަށުންނެވެ. އެ އެހީގެ ދަށުން އަޅާ ގެތަކަށް ބޭނުންވާ ފަރުނީޗަރު ވެސް ބޭންކުން ދޭނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް އެ ބޭންކުން ތައާރަފުކުރި ހައުސިން ގްރާންޓް ސްކީމްގެ ދަށުން ގެ އިމާރާތްކޮށް ދެނީ އަންނަ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މިއީ ނޮވެމްބަރު މަހާ ހަމަޔަށް ހިންގާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓްކޮށް، އެ ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ޖަމިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއަދު ތައާރަފްކުރި މި ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނުވައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ފުރުސަތު ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

އަންނަ މާޗް 31 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/housing-grant އިން ލިބޭނެ އެވެ.

40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:

  1. ނޮވެންބަރު - ބީއެމްއެލް ސްކޮލާޝިޕް ފަންޑު
  2. ޑިސެންބަރު - ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
  3. ޖަނަވަރީ - ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް