ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. މަޑުއްވަރީގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ރަށުގައި މިއަދު ފެށުނު އޭޓީއެމް ޚިދުމަތާއެކު މިވަގުތު ރ. އަތޮޅު އުނގޫފާރު އަދި މީދޫގައި ސެލްފް ސާވިސް ބޭންކިންއާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ. މީގެ އިތުރުން ތިން ރަށެއްގައި މިހާރު ވަނީ ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމުކޮށްފަ އެވެ. އެއީ އަލިފުށި، ދުވާފަރު އަދި މަޑުއްވަރީ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މަޑުއްވަރީގައި މި ހުޅުވުނު އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އޭޓީއެމް ވިއުގަ އަށް އޭޓީއެމް އިތުރުކުރެވިގެންދިޔުން. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތުގެ ސަބަބުން މަންފާކުރާނެ،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސާވިސް ބޭންކިން ސެންޓަރު، 137 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.