މިފްކޯއިން މިއަދުން ފެށިގެން މަސްދަޅުގެ އަގު ބޮޑުކުރަން ނިންމާފައިވާ ނިންމުން ފަސްކޮށް، މިހާރު ވެސް ވިއްކާ އަގުގައި ކުރިއަށް އޮތް ރޯދަމަސް ނިމެންދެން މަސްދަޅު ވިއްކުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މިގޮތަށް ހަމަޖެއްސީ މިއަދުން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ބޮޑުކުރަން ނިންމާފައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާއި މަސްދަޅަކީ ދިވެހިންގެ ކެއުމުގެ ހާއްސަ ބާވަތަކަށް ވާތީ ކަސްޓަމަރުންނަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން މިވަގުތު މަސްދަޅުގެ އަގު ބޮޑު ނުކުރަން ނިންމާފައިވާ ކަމަށެވެ.

މިފްކޯ އިން ވިއްކާ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުނުމާއެކު އެ ކުންފުނީގެ ފަސްމީރު ފިހާރާގައި މަސް ދަޅު ގަންނަން ރޭ މީހުން ކިޔޫ ހަދާފައި. ފޮޓޯ | ހުރިހާ

"މިގޮތަށް އަޅުގަނޑުމެން ނިންމީ މިއީ އާންމުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ޕްރޮޑަކްޓަކަށް ވާތީ އަދި ރޯދަމަސް ވެސް ކުރިއަށް އޮތުމުން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނީގެ މައި ހިއްސާދާރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާ އަށް މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ހަރަދުތައް ވެސް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބޭރުގެ މާކެޓްތައް ހޯދި ދަޅުމަސް ބޭރުކުރެވޭ އަދަދު ވެސް ވަނީ އިތުރުކުރެވިފައިވާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

މިފްކޯއިން މަސްދަޅުގެ އަގުބޮޑުކުރަން ނިންމުމާއެކު ރޭ ފަސްމީރު ފިހާރަދޮށުގައި މަސްދަޅު ކޭހުން ގަންނަން ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ޖެހިގެން ތިއްބެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފައުޒީ މިއަދު ވިދާޅުވީ ހުރިހާ ބާވަތެއްގެ މަސް ގަންނަ އަގަށް ވެސް އެ ކުންފުނިން ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިފްކޯ އިން ވިއްކާ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުނުމާއެކު އެ ކުންފުނީގެ ފަސްމީރު ފިހާރާގައި މަސް ދަޅު ގަންނަން ރޭ މީހުން ކިޔޫ ހަދާފައި. ފޮޓޯ | ހުރިހާ

އެގޮތުން 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި މިއަދުން ފެށިގެން ގަންނަނީ 17 ރުފިޔާ އަށެވެ. މީގެ ކުރިން ގަންނަމުން ދިޔައީ 16 ރުފިޔާއަށެވެ. އައިސް އެޅި އަދި އައިސް ނާޅާ މަސް ގަންނަމުން ދިޔައީ 14 ރުފިޔާއަށެވެ. އަދި އޭގެ އަގު މިހާރު ވަނީ 15 އަށް ބޮޑުކޮށްފަ އެވެ.

ފައުޒީ އިތުރަށް ވިދާޅުވީ މަސް ގަންނަ އަގަށް ގެނައި ބަދަލާއެކު ކިލޯއަކުން އެއް ރުފިޔާ އިތުރުވުމާއެކު މިހާރު މަސް ޓަނަކުން އިތުރަށް 1،000 ރުފިޔާގެ އާމްދަނީއެއް މަސްވެރިންނަށް ލިބޭނެ ކަމަށެވެ.