ވިލާ ގްރޫޕްގެ ކުޑައިގެ ދަށުން ހިންގާ ވިލާ ހަކަތައިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަނަލް ކެމްޕެއިން އަދިވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހާއި ތެލުގެ ވިޔަފާރިކުރާ ކުންފުނިން މިކެމްޕެއިން ހާއްސަ ކޮށްފައި ވަނީ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭހަށް އޯޑަރުކުރާ، ފައިސާ ދައްކާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަނަލް ކެންޕެއިންގައި ބައިވެރިވާ ފަރާތްތަކަށް ލަކީ ޑްރޯއެއް ވެސް ކުރިޔަށް ގެންދެ އެވެ. އަދި މި ގުރުއަތުގެ ބައިވެރިންގެ ތެރެއިން، ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ހޮވޭ އެއްފަރާތަކަށް ހަ މަސްދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ ކަމަށްވާ 6،000 ރުފިޔާ ދައްކައިދިނުމަށް އެ ކުންފުނިން ނިންމާފައިވެ އެވެ.

މީގެ އިތުރުން މިކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކުގެ ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރެވޭނެ ކަމަށް ވެސް ވިލާ ހަކަތައިން ބުންޏެވެ. އަދި އެ ގޭސްފުޅި ރީފިލްކުރުމުގެ އަގަކީ 200 ރުފިޔާ އެވެ.

މިޕްރޮމޯޝަންގެ މުއްދަތުގައި ރާވާފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްއަށް ޒިޔާރަތްކުރުން ހިމެނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިރީގައިވާ ފޯމް މެދުވެރިކޮށެވެ.

"ވިލާ ހަކަތަގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން. އެގޮތުން ކޮންމެ އަހަރަކު ވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންނަށް އެންމެ އެހީ ތެރިކަން ފޯރު ކޮށް ދޭނެ ގޮތް ބެލުން ހިމެނޭ،" އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާއެކު ގިނަ ފައިދާތަކެއް ލިބިދޭ ގޮތަށް ފަރުމާކުރުން ހިމެނޭ ކަމަށް ވެސް ވިލާ ހަކަތައިން ބުންޏެވެ.