ދައުލަތުގެ އާމްދަނީ އިތުރުކުރަން ރިސޯޓު ހަދަން އާ 10 ރަށެއް އަންނަ އަހަރު ބިޑަށް ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން އިއްޔެ ނޫސްވެރިންނަށް ދެއްވި ޕްރެޒެންޓޭޝަނެއްގައި އަމީރު ވިދާޅުވީ ސަރުކާރުން މިއަހަރު ވެސް 20 ރަށެއް ބިޑަށް ހުޅުވާލަން މަސައްކަތްކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ނުގެންދެވުނީ ކޮވިޑާ ހެދިއާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ އަންނަ އަހަރު އިތުރު ދިހަ ރަށެއް ބިޑަށް ހުޅުވާލަން ވަނީ ނިންމާފައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާ ރަށްތައް ދޫކޮށްގެން ބަޖެޓަށް 154 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

އާމްދަނީ އިތުރުކުރަން ބަޖެޓްގައި ހިމަފާފައިވާ ކަންތައްތައް ތަންފީޒުވެއްޖެ ނަމަ އަންނަ އަހަރު ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބޭނެ އެވެ.