ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފ. ފީއަލީގައި ހުންނަ ފ. އަތޮޅު ސްކޫލްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ހާއްސަ ތަނެއް ގާއިމްކޮށްފި އެވެ.

"ފަހި މާހައުުލު"ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައި ވަނީ ފަތުހުﷲ ޝާތިރު އެވެ . މިއީ ކުޑަކުދިން ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ އަމާޒުގައި ހިންގުނު ޕްރޮޖެކްޓެކެވެ.

ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ގާއިމްކޮށްފައިވާ މިތަނުގައި ވަނީ ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ހިމަނާފަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފަތުޙުﷲ ވިދާޅުވީ މި ގާއިމުކުރެވުނު ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ބީއެމްއެލް އިން ފ. އަތޮޅުގައި ސްކޫލުގައި ހެދި ކުޑަކުދިން ފޮތް ކިޔާތަނާއި ކުޅޭ ތަން. ފޮޓޯ: ބީއެމްއެލް

"މިފަދަ މުހިންމު ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ފ. އަތޮޅު ސްކޫލްގެ ނަމުގައި އާއި ފީއަލީގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މިގޮތުން ކޮންމެ ކުއާޓަރއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.