ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ޙަސަން މުޣުނީ ވަކިކޮށް، އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަން ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ފޮނުވި ސިޓީގައި ވަނީ، މި ބަދަލު ގެނައީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެންނަވަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޣުނީ ވަކިކޮށް، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ކަމަށާއި، މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޝަރީފް މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

މުޣުނީ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

މަގާމުން ވަކިކުރި ފަހުން ކުރެއްވި ޓުވީޓެއްގައި މުޣުނީ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރކަމަށް އަލަށް އައްޔަނުކުރެއްވި ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ޝަރީފު އައްޔަންކުރެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ޝަރީފް އިންތިޚާބު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާދެއްވާފަ އެވެ.

އީސީގެ ރައީސްގެ މަގާމުގެ ކުރިން ޝަރީފު ވަނީ ކުރީގެ ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތްތައް ކުރައްވައިފަ އެވެ. ނަމަވެސް ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަންނެވި 2018ގެ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތު ޔާމީނާއި އެ މަނިކުފާނުގެ ޕީޕީއެމުން ޝަރީފަށް މިހާރު ވެސް ކުރެ އެވެ.

މި ތުހުމަތުތައް ޝަރީފް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފަ އެވެ.

މުޣުނީ މަގާމުން ވަކި ކުރެއްވުމަށް ފަހު އައްޔަންކުރައްވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީ އަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި ކަށަވަރެއް ނުވެ އެވެ.

ޝަރީފް ވަނީ ރައީސް ޔާމީންގެ ދައުރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވެސް ފުރުއްވައިފަ އެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އެއީ ޗެއާމަނާއި، މެނޭޖިން ޑިރެކްޓަރުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި ދެ ޑިރެކްޓަރުންނެވެ. އެ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވި ފަހުން އެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެ އެވެ.