ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރާނީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެ ފެންވަރު ރަގަޅަށް ކަމަށް އެ އެއާޕޯޓް ހިންގާ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާ އަލުން ހަވާލުކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ތަރައްގީވެ ނިމުމުން ހުވަދޫ ރައްޔިތުން ދެން އައްޑޫ އެއާޕޯޓަށް ބަރޯސާވާން ނުޖެހޭނެ ކަމަށެވެ. ވިލާއިން ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރާނީ އައްޑޫ އެއާޕޯޓަށް ވުރެ ފެންވަރު ރަގަޅުކޮށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރާނީ އައްޑޫ އެއާޕޯޓަށް ވުރެ، 'ތައުޒަންޑް ޓައިމްސް ބެޓާ' އެއާޕޯޓެއްގެ ގޮތުގައި،" ގާސިމް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަލުން ހަވާލުކުރީ ވިލާ އެއާއާ އެކު 50 އަހަރަށް ހަދާފައިވާ އެއްބަސްވުން 2017 ގައި ސަރުކާރުން ބާތިލުކުރި ގޯސްކޮށް ކަމަށް މޭ މަހު ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ބުނެފައި ވަނީ ވިލާއާ އެއާޕޯޓް ހަވާލު ނުކުރެވި އޮތީ ވިލާއަށް ބަދަލުގައި ލިބެން ޖެހޭ ކަންކަން ނުނިމިގެން ކަމަށެވެ.

ވިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އެއާޕޯޓާ ހަވާލުވެވޭނީ އެއާޕޯޓްގެ އިތުރުން ފަޅު ރަށެއް ރިސޯޓް ހަދަން ދިނުމުންނެވެ. އެކަމަކު އަލުން ސޮއިކުރި އެއްބަސްވުމުގައި ވިލާ އަށް ބަދަލުގައި ހަމަޖައްސައި ދިނީ ކޮން ކަންތައްތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ވިލާ އެއާއާ އަލުން ކާޑެއްދޫ އެއާޕޯޓް ހަވާލުކުރި މާމިގިލި އެއާޕޯޓް ވެސް އޮޕަރޭޓްކުރަނީ އެ ކުންފުނިންނެވެ.