އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އޮލެގް ޑެރިޕަސްކާ އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ ރާއްޖެ އައިއިރު އޮލެގްގެ ހިއްސާ އޮންނަ ސުޕަޔޮޓެއް ވެސް ރާއްޖެ ގެނެސްފައިވެ އެވެ.

"ދަ ކްލިއޯ" މި ޔޮޓަކީ 2018 ވަނަ އަހަރު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ރަޝިއާގެ އެލުމިނިއަމް ގްރޫޕް ރުސަލްގެ ފައުންޑާ އޮލެގް ޑެރިޕަސްކާގެ ހިއްސާ އޮންނަ ޔޮޓެއް ކަމަށްވެ އެވެ.

އެމްޕީއެލްގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނީ ކްލިއޯ މާލެ މާކައިރީގައި ބަނދަރުކުރި ކަމަށެވެ.

ރަޝިއާގެ ބިލިއަނަރު އޮލެގް ޑެރިޕަސްކާ ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިންއާއެކު.

ރަޝިއާގެ ބިލިއަނަރުންގެ މިލްކިއްޔާތުގައި ހުރި އިތުރު ދެ ސުޕަޔޮޓެއް ރާއްޖެއަށް ދަތުރުކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އެ ޔޮޓްތައް ރާއްޖެ އަންނަނީ ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބިލިއަނަރުންގެ އެސެޓްތައް އަތުލާނެ ކަމުގެ އިންޒާރު ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

މި ޔޮޓްގެ އިތުރުން ސްޓީލްގެ ވިޔަފާރިކުރާ އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް ޓައިޓެން ވެސް އޮތީ ރާއްޖޭގައިކަން އެމްޕީއެލް އިން އޭއެފްޕީ އަށް ކަށަަވަރުކޮށްދީފައިވެ އެވެ. މިއީ 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ގެ އަގު ހުރި އުޅަނދެކެވެ.

ސީއެންބީސީން ބުނި ގޮތުގައި ރަޝިއާގެ މަހުޖަނުންގެ އިތުރު ދެ ޔޮޓެއް ވެސް ރާއްޖެއަށް ވަނީ ދަތުރު ފަށައިފަ އެވެ.

ރަޝިއާގެ މަހުޖަނުންގެ އަގު ބޮޑު، އަރާމު ސުޕަޔޮޓްތައް ރާއްޖެއާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، އެމެރިކާއާއެކު ރާއްޖެއިން އެކްސްޓްރަޑިޝަން މުއާހަދާއެއް ނެތް ކަމަށް އޭއެޕްޕީއާ ހަވާލާދީ ސީއެންބީސީގައި ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު ވައިޓް ހައުސް އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "މި ހަފުތާގައި މަލްޓިލޭޓަރަލް އެޓްލާންޓިކް ޓާސްކް ފޯހެއް ލޯންޗް ކުރާނަން. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ކުންފުނިތަކާއި ބިލިއަނަރުންގެ އެސެޓްތައް ދެނެގަނެ، އެ ކުންފުނިތައް ހޯދައި، އެ ކުންފުނިތައް ފްރީޒްކޮށް، އެ ކުންފުނިތަކުގެ ޔޮޓްތަކާއި އެ ކުންފުނިތަކުގެ ގެދޮރާއި އެ ނޫން ވެސް ނުރަނގަޅު ފައިދާތައް ގާނޫނުގެ ދަށުން އަޅުގަނޑުމެންނަށް ހޯދޭނެ އަދި ފްރީޒް ކުރެވޭނެ" ކަމަށެވެ.