އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި މިހާރު ހިންގާ މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް މި މަހު ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ މިފްކޯ، އެސްޓީއޯގެ ދަށުން ކުރުމުގެ ގޮތުން ލިޔެކިޔުންތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު މިގެންދަނީ ލިޔެކިއުންތައް ބަދަލުކުރުމުގެ މަސައްކަތްކުރަމުން. އެސްޓީއޯގެ ކުންފުންޏެއްގެ ގޮތުގައި އޮވެފައި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ބަދަލުވާއިރު ވަރަށް ގިނަ ކަންކަން ފުރިހަމަކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަނީ ދެ ކުންފުނި ވަކިކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތެވެ. އަދި މި މަސައްކަތްތައް މި މަސް ތެރޭ ނިންމައި، މިފްކޯ ވަކި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް މި ކުންފުންޏަށް ވަރަށް ގިނަ ބަދަލުތަކެއް އެބަ އާދޭ. ޕަބްލިކް ކުންފުންޏެއްގެ ދަށުން ހިންގަންޏާ އެކަން ކަމަށް ދަތިވެ ފައިނޭންސް ހޯދަން ވެސް ދަތިތަކާ ދިމާވާނެ، އުއްމީދުކުރަނީ މި މަހު އެ މަސައްކަތްތައް ވެސް ނިމި ވަކިވެވޭނެ ކަމަށް،" އިސްމާއިލް ވިދާޅުވި އެވެ.

ކުރިން އަމިއްލައަށް ހިންގަމުން ދިޔަ މިފްކޯގެ ދަރަނި ބޮޑުވުމުން އެސްޓީއޯގެ ދަށަން ބަދަލު ކުރީގެ ސަރުކާރުންނެވެ. މި ބަދަލު ގެނައިއިރު އެ ކުންފުނީގެ ދަރަނި 300 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

މިފްކޯ އެންމެ ފުރަތަމަ އުފެއްދީ 1993 ވަނަ އަހަރު ވަކި ކުންފުންޏެއްގެ ގޮތުގަ އެވެ.