ސަރުކާރުގެ ބޮޑެތި ކުންފުނިތައް ބައިވެރިކޮށްގެން އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހަދަން ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމަށް ކުރީގެ ސަރުކާރުން ޕްލޭނެއް އެކުލަވާލި އެވެ. ނަމަވެސް އެ މަޝްރޫއު އޭރު ކުރިޔަށް ނުގެންދެވުނީ އަވަށްޓެރި އިންޑިއާގެ ނުފޫޒާ ހެދި ކަމަށް ކުރީގެ ރައީސް ރައީސް ދާދިފަހުން ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ޓްރާންޝިޕްމަންޓް ބަނދަރު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ވެސް ހުޅުވާލި އެވެ. ނަމަވެސް މަޝްރޫއުގެ އިންޓާނަލް ރިޓާން ކުޑަވުމުގެ ސަބަބުން މިކަމަށް ޝައުގުވެރިވާ އިންވެސްޓަރުން މަދުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޕޯޓް އޮޕަރޭޓްކުރާ ފަރާތްތަކާ ވެސް މިކަމަށް ޝައުގުވެރިވޭތޯ މަޝްވަރާކުރި ކަމަށާއި ނަމަވެސް ވިޔަފާރިތަކުން ބޭނުންވަނީ އިންވެސްޓްކޮށްފައި ވީހާވެސް އަވަހަށް ފައިދާ ލިބުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އިންޓާނަލް ރިޓާން ވަރަށް ކުޑަ. ހަތް ޕަސެންޓުގައި މިއިންނަނީ. އެހެންވީމަ މިވާގޮތަކީ އެކަމަށް ޝައުގުވެރިއެއް ނުވަނީ ވިޔަފާރިއެއް. ވަރަށް އެޑްވެންޗަރަސް ބަޔަކު ފަހަރުގައި ޝައުގުވެރި ވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

" ދެން އަޅުގަނޑުމެން ވަކިވަކިން ޕޯޓު އޮޕަރޭޓްކުރާ އެކިއެކި ފަރާތްތަކާއިވެސް ވާހަކަދައްކާލިން ދެން ހަމަ އިންޓްރެސްޓް ހުރިތޯ. އެހެންނަމަވެސް ނެތް އިންޓްރެސްޓެއް. އެމީހުންނަށް ވިޔަފާރިއަކީ އިންވެސްޓްކޮށްފައި ވީހާވެސް އަވަހަކަށް ލާރި ލިބުން. ސަރުކާރުގެ އެފައިސާ ހުރިނަމަ އަޅުގަނޑުމެން އެހެންތާކަށް ދާކަށްވެސް ބޭނުމެއް ނެތް."

ފައްޔާޒު ވިދާޅުވީ އިންވެސްޓަރަކާ ނުލާ ވެސް ސަރުކާރުގެ ވިސްނުން މިހާރު ހުރީ މަޑުމަޑުން ތަރައްގީކޮށްގެން ވިޔަސް މި މަޝްރޫއު ފެށުމަށް ކަމަށެވެ. އެގޮތުން ވިސްނުން ހުރީ ސަރުކާރުގެ ބޮޑެތި އެސްއޯއީތައް މެދުވެރިކޮށް މިކަން ކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވަނީ. ފޮޓޯ: މަޖްލިސް

"މިއޮތްހާ ދުވަހު ފައިސާ ނެތީމަ އިންވެސްޓަރެއް ގެނެސްގެން ޖޮއިންޓް ވެންޗައެއްގެ ދަށުން ވިއަސް އެކަން ކުރެވޭނެ ގޮތެއް ހޯދަން ބެލުނީ. މިހާރު އެ ހިޔާލަށް ވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނަނީ ހަމަ ދިގު މުއްދަތުން މަޑުމަޑުން މަޑުމަޑުން ޑިވެލޮޕް ވެގެންދާ ގޮތަށް ވިއަސް އަޅުގަނޑުމެން އެކަން ފަށަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރަނގަޅު ސްޓްރެންތް ހުރި އެސްއޯއީތަކުން މިސާލަކަށް އެމްޓީސީސީ، އެސްޓީއޯ، އެމްޕީއެލް މިފަދަ ކުންފުނިތަކެއް އެއްވެގެން. ކުންފުނިތަކުން ވަރަށް ބޮޑަށް މިކަމަށް ޝައުގުވެރިކަން އެބަހުރި. އެ ކުންފުނިތަކާއި އެއްކޮށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި ޕްލޭން އެކުލަވާލުމަށް. އެބޭފުޅުންގެ އެކްސްޕަޓީސްއާއި އެބޭފުޅުންގެ ފައިނޭންޝިއަލް ކެޕޭސިޓީ ހުރި ގޮތްތަކާއި ހުރިހައި އެއްޗެއް ބަލާފައި."

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް އެޅުމަށް ރާވާފައިވާ ކަމަށެވެ. އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލްކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ޓްރާންޝިޕްމެންޓް ބަނދަރު ތަރައްގީކުރަން ހަމަޖައްސާފައިވާ ހއ. ހޯރަފުށީ ހިމެނޭ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަޙައްދެކެވެ. އެހެންވެ މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ގާއިމްކުރުމަށް އެކަށީގެންވާ ސަރަޙައްދެއް ކަމަށް މިކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.