ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށް މިއަދު އަރައިފި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ މިހާ ބޮޑަށް އުފުލިގެން މިދިޔައީ ރަޝިއާއިން ޔުކްރެއިން އަށް ހަމަލާދޭން ފެށުމުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.

ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތައް

  • 1 ނޮވެމްބަރުގައި 68 ޑޮލަރު
  • 1 ޑިސެމްބަރުގައި 77 ޑޮލަރަށް
  • 1 ޖެނުއަރީގައި 89 ޑޮލަރަށް
  • 1 ފެބްރުއަރީގައި 97 ޑޮލަރަށް
  • މިހާރު 119 ޑޮލަރަށް

ރަޝިއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހަކަތައިގެ މުއާމަލާތްތައް ނުހިމެނުނު ނަމަވެސް، ޔޫކްރެއިން އަށް ރަޝިއާއިން އެރުމާ ގުޅިގެން ތެލުގެ ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ރަޝިޔާގެ ކްރޫޑް ގަތުން މަދުކުރަމުންނެވެ.

އަންގާރަ ދުވަހު ބްރެންޓް ސާފު ނުކުރާ ތެލުގެ އަގު ވަނީ ޖެހިޖެހިގެން ތިން ވަނަ ސެޝަނަކަށް އުފުލި، ފީފާއެއްގެ އަގު 112.93 ޑޮލަރަށް އަރައިފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގައި ތެލުގެ އަގު 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް 110 ޑޮލަރަށް ވުރެ މައްޗަށް އުފުލިފަ އެވެ.