ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހަތަރު ކުންފުންޏަކުން ކުރިމަތިލައިފި ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ބިޑް ހުށަހެޅުމުގެ ސުންގަޑި ހަމަވީ މިއަދު އެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ޢިމާރާތްކުރެވޭނެ ކަމަށެވެ. އަދި މިމަޝްރޫޢު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.

މިހާރު ހަމައެކަނި ކުދި ބޯޓުތައް ޖެއްސޭ ގޮތަށް ހަދާފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނަކުންނެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.