މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައި ޒިޔާރަތްކޮށްފައިވަނީ ރަޝިޔާގެ ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދާއްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 149،011 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ހަމަ އެއާއެކު، މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 131،753 ޓޫރިސްޓުންނެ އެވެ. އެހެންކަމުން މިދިޔަ މަހުގެ ތަފާސްހިސާބުތަކާ އަޅާ ކިޔާއިރު، ޖެނުއަރީ މަހުގައި އައި ޓޫރިސްޓުންނަށް ވުރެ މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓް އިތުރުވެފައިވެ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ރަޝިޔާ އެވެ. އެ ގައުމުން އެކަނި 20،082 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 18،071 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އިންޑިއާއިން އައިސްފައި ވަނީ 14،770 ޓޫރިސްޓުންނެވެ. ހަތަރު ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެ ގައުމުން 11،276 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިއަހަރު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 7،668 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއަހަރު އެންމެ މަދުން ޓޫރިސްޓުން އައީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެ އައީ 3،407 ޓޫރިސްޓުންނެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް 5،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ރަޝިޔާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރާނެ ކަމަށާއި މިކަމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.