ކުޅުދުއްފުށީގައި އެސްޓީއޯއިން ގާއިމްކުރާ ގޮދަންފުށް ކާރުހާނާއިން ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް، އެ ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މިފަދަ ކާރުހާނާއެއް ރާއްޖޭގައި ގާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެ ކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާގިނަ ދުވަހު ބެހެއްޓޭނެ ފުށެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ތަކެތި ބެހެއްޓުމަށްޓަކާއި ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވާކަން ވެސް އަމްރު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ގޮދަންފުށް ކާރުހާނާ ތަރައްގީކުރުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް ނިމި އެކަމަށް ބޭނުންވާ ފަންޑު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ބިން ހަވާލުކުރެވޭ ހިސާބުން އަޅުގަނޑުމެން މަސައްކަތް ފަށާނަން. އެ ލެވެލްއަށް އަޅުގަނޑުމެން ތައްޔާރުވެފައި މިތިބީ. އަޅުގަނޑުމެން ފައިނޭންސް ވެސް ހޯދައިފިން. އަޅުގަނޑުމެން އެކަން ކުރާނެ ޕާޓީއެއް ވެސް ހޯދައިފިން. ޓެކްނިކަލް ހުރިހާ ސްޓަޑީއެއް ވެސް މިހާރު ހެދިއްޖެ. އެހެންވީމަ ދެން އޮންނާނީ ހަމަ އަމަލީ މަސައްކަތް ފެށުން. ކުޅުދުއްފުށީ ކައުންސިލުން ވަރަށް ބާރަށް މިހާރު އެބަ ގެންދަވާ އެ މަސައްކަތް. އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންނަށް ބިން ލިބޭއިރަށް އެކަން ކުރާނެ،" އަމްރު ވިދާޅުވި އެވެ.

ގޮދަން ފުށް ކާރުޚާނާއެއް ރާއްޖޭގައި ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރަށް ކަށަވަރުކޮށް ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަށް ކުރާ ހަރަދު ކުޑަކުރުން ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ގޮދަންފުށް ހައްދާ ގައުމަކަށް ނުވާތީ، އެސްޓީއޯއިން މިކަން ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ގާއިމުކުރާ ކާރުހާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، އެ ކުންފުނީގެ ގޮދަންފުށް ކާރުހާނާ ގާއިމުކުރުމަށް ކުޅުދުއްފުށި ހިޔާރުކުރީ އެ ރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބް ކަމަށްވެފައި، އެ ސަރަހައްދަކީ އެފަދަ ކާރުހާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށް ވުމުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށް ވެސް ވިޔަފާރިއާއި އިގްތިސާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.