ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އުފެއްދުންތެރި ވިޔަފާރިތަކަށާއި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުމުގެ އަމާޒުގައި މިދިޔަ ޖަނަވަރީ މަހު ތައާރަފްކޮށްފައިވާ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހަތަރު ވިޔަފާރިއެއް ފެށުމަށް ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ބީއެމްއެލް އިން ވަނީ ހަމަޖައްސައިފަ އެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހިލޭ ދޫކުރާ ފައިސާ އެވެ.

"ކޮންމެ ދާއިރާއަކުން ވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓްރީކުރި ފަހުން އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް މިއީ. އަދި އަލަށް ވިޔަފާރިއެއް ފެއްޓުމުގެ އިތުރުން ވިޔަފާރި ކުރިއެރުވުމަށް ވެސް ނުވަތަ އެހެން ވިޔަފާރިއެއް ފެށުމަށް ވެސް ބިޒްނަސް ޕްލޭން ވެސް ހުށަހެޅިދާނެ. އަޅުގަނޑުމެންގެ އެދުމަކީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުން. ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް ވެބްސައިޓްގައި ހިމެނިފައިވާނެ،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

"މި ގްރާންޓްގެ އިވެލުއޭޝަން އަޅުގަނޑުމެން ބަހާލެވިފައި މިވަނީ ދެ ބަޔަކަށް. ފުރަތަމަ އޮންނާނީ ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުން. ބިޒްނަސް ޕްލޭންގައި ހިމަނަންޖެހޭ ތަފްސީލްތައް ވެސް އަޅުގަނޑުމެން ވާނީ ވެބްސައިޓްގައި ޝާއިއުކޮށްފައި. ބިޒްނަސް ޕްލޭންތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ޕްލޭން ހޮވައި އެ ޕްލޭންތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެ. މި ޕްރެޒެންޓޭޝަން ހުށަހެޅުމަކީ އިވެލުއޭޝަންގެ ދެވަނަ ބައި. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޕްރެސެންޓޭޝަން ހޮވިގެންދާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މި ހަތަރު ވިޔަފާރިއަށް ބޭންކް އޮފް މޯލްޑިވްސް އިން މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓާ ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެ އެވެ.

ސްޓާޓް އަޕް ގްރާންޓަށް އެދި ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް މިމަހުގެ 16 ވާ ބުދަ ދުވަހުގެ ރޭ 12:00 ކުރިންނެވެ.