މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް އަގު ބޮޑުކުރަން، އެ ހިދުމަތްދޭ ޓެކްސީ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު ނިންމައިފި އެވެ.

ޓެކްސީ ހިދުމަތްތައް ދޭ އަގާ ގުޅިގެން މަޝްވަރާކުރުމަށް ސެންޓަރުތަކުން ވަނީ ރޭ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި 14 ޓެކްސީ ސެންޓަރަކުން ބައިވެރިވެފައިވެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެންޓަރުތަކެެއްގެ އިއްތިފާގުން ވަނީ ތަކެތީގެ އަގާއި ތެލުގެ އަގު އުފުލެމުން ދާތީ ޓެކްސީ ހިދުމަތްދޭ އަގު ވެސް ބޮޑުކުރުމަށް ނިންމާފަ އެވެ.

ޑްރައިވަރުންގެ ހިޔާލާއި އެކު ޓެކްސީ ހިދުމަތްދިނުމަށް ނިންމާފައިވާ އަގުތައް:

  1. މާލޭގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ އަށް
  2. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ އަށް
  3. މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް 80 ރުފިޔާ އަށް
  4. މާލެއިން ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަށް
  5. ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ އަށް
  6. ރުފިޔާހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރު - 25 ރުފިޔާ އަށް
  7. ހުޅުމާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން ހުޅުމާލެއަށް- 80 ރުފިޔާ އަށް
  8. ހުޅުމާލެ ފޭސް ދޭކުން މާލެ އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް- 120 ރުފިޔާ އަށް
  9. ހުޅުމާލެ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް- 120 ރުފިޔާ އަށް
  10. ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް- 100 ރުފިޔާ އަށް
  11. ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް- 40 ރުފިޔާ އަށް
  12. ހަޔާކޮށްގެން ކުރާ ދަތުރުތަކަށް- ގަޑިއިރަކަށް 250 ރުފިޔާ އަށް

ސެންޓަރުތަކުން ބޭއްވި ބައްދަލުވުމުގައި ރޭގަނޑު 12 އިން ހެނދުނު 6 ކުރާ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގުމަށް ވެސް ނިންމާފައިވެ އެވެ. މި އަގުތައް ދެ ދުވަސްތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ނަމަވެސް އެ އަގުތައް ނެގުމަށް ޓެކްސީ ސެންޓަރުތަކުން ވަނީ ނިންމާފަ އެވެ.

ޓެކްސީ ސެންޓަރުތަކުން ނިންމި އަގުތަކަށް ހިދުމަތް ދޭން ނިންމާފައިވަނީ އަންނަ މާޗުމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.