ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމުމުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެެއްޖެ އެވެ.

"ހުރިހާ" ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓުން ސީދާ ދަތުރުތައް ކުރާ އެންމެ ބޮޑު އެއާލައިންގެ އޮޕަރޭޝަން ހުއްޓާލި ނަމަވެސް ރަޝިއާގެ ފަތުރުވެރިން އަދިވެސް އެހެން އެއާލައިންތަކުން އަންނާނެ ކަމަށެވެ. ނަމަވެސް އެހެން އެއާލައިންތަކުން ޓްރާންސިޓްކޮށްގެން ޓޫރިސްޓުން އަންނަ މިންވަރު މަދުވާނެ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެހެން އެއާލައިންތަކުން ވެސް ރަޝިއާއިން މީހުންނަށް އާދެވޭނެ. އަދި ޕްރައިވެޓް ޖެޓްތައް ވެސް އަންނާނެ. އެހެންވީމަ އެ ގައުމުން އަންނަ މީހުން އެއްކޮށް ހުއްޓުނީއެއް ނޫން. ނަމަވެސް މީގެ އިމްޕެކްޓް ވަރަށް ބޮޑުވާނެ،" އަޅުގަނޑުމެން ޖެހޭނީ ބަލަން ކިހާ ވަރެއް އިމްޕެކްޓެއްތޯ އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "ރަޝިއާގެ އެއާލައިން ހުއްޓާލުމުން ކުރާ އަސަރު ދެނެގަންނަން ދުވަސްކޮޅެއް ނަގާނެ."

ޑރ. މައުސޫމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރަޝިއާ އިން އަންނަ ޓޫރިސްޓުން އަދަދު މަދުވެ، ޓޫރިޒަމަށް ގޮންޖެހުންތަކާ ކުރިމަތިލީ ކޮވިޑުން އަރައިގަނެ ޓޫރިޒަމް ހަމަޔަކަށް އެޅެމުން އަންނަނިކޮށް ކަމަށެވެ.

"ރާއްޖެއިން އުއްމީދުކުރަނީ މި ހަނގުރާމަ އަވަހަށް ނިމި، ސުލްހަ ގާއިމުވާނެ ކަމަށް. މިއީ ކޮވިޑާ ގުޅިގެން ވެއްޓުނު ވަޅުގަނޑުން އަޅުގަނޑުމެން އަރައިގަންނަން ލިބުނު ވަގުތު،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރަޝިއާއިން މިއަހަރުގެ މިހާތަނަށް 44,055 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ރަޝިއާއަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓް 15.2 ޕަސެންޓް ހިއްސާކުރެ އެވެ.

ރަޝިއާގެ އެ އެއާލައިންގެ ދަތުރުތައް ހުއްޓާލި ނަމަވެސް އެ ގައުމުގެ ނޯޑްވިންޑް އެއާ ރާއްޖެއަށް ދަތުރުތައް ކުރެ އެވެ.

އެއިރޯފްލޮޓުގެ ބައިނަލްއަގުވާމީ ދަތުރުތަކެއް އަވަށްޓެރި ބެލަރުސް ފިޔަވައި، ހުރިހާ ގައުމަކަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމީ ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ކުރިމަތިވި "ކަންތައްތަކެއްގެ" ސަބަބުން ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން މަތިންދާބޯޓު އުފައްދާ އެމެރިކާގެ ބޯއިން އާއި ފްރާންސްގެ އެއާބަސް އިން ދެމުން އައި ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. މިއާއެކު ރަޝިއާގެ މަތިންދާބޯޓުތައް މަރާމާތުކުރުމާއި ސްޕެއާ ލިބުން ހުއްޓި އެ ގައުމުގެ އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.