މިއަހަރުގެ ރޯދަމަހާ ދިމާކޮށް އާންމުކޮށް ބޭނުންކުރާ ޒަރޫރީ ބާވަތްތައް ހުސްނުވެ ބާޒާރުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުސްނުވެ ބާޒާރުގައި ތަކެތި ބެހެއްޓުމާއި، އަގު އިންތިހާއަށް ބޮޑުވެގެންދިޔަނުދީ އެއަގުތައް ކޮންޓްރޯލްކޮށްގެން ހިފެހެއްޓުން ކަމަށެވެ. ރަމަޟާންމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތައް ކަމަށްވާ ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް މިހާރު ގެނެސްފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރުވެސް ޝެޑިއުލް ހަދައިގެން ފިޔާ، ބިސް، އަލުވީގެ ޝިޕްމަންޓްތަކާއި އެއްޗެހި މިހާރުވެސް ހުރީ ރެޑީކޮށްފައި. ދެން އޭގެ އިތުރުންވެސް ބައެއްކަހަލަ އެހެން ކައްކަން ބޭނުންކުރާ ސާމާނަކީވެސް މިހާރު އެންމެ ބޭނުންތެރި ސާމާނުކަމަށްވާތީ ބައެއް ކަހަލަ ސާމާނުތައްވެސް އަޅުގަނޑުމެން ހަމަ ރެޑީގައި ބަހައްޓާފައި އެހުރީ،" އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިޔާ، ބިސް އަދި އަލުވީގެ އަގުތައް ހުންނާނީ މާލެއާ އެއް އަގެއްގައި ކަމަށެވެ. އަދި އެސްޓީއޯއިން ވިސްނާފައި އޮތީ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނަށް ސީދާ ބޭރުން ޝިޕްމަންޓްތައް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.