އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ މުދާ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުންގެ ގޮތުގައި 136 ފަރާތެއް އައްޔަނުކޮށް، އެ ފަރާތަކަށް ރަސްމީކޮށް އޭޖެންޓް ކަމުގެ ލިޔުން މިއަދު ހަވާލު ކޮށްފި އެވެ.

ރާއްޖެއަށް އެކި ބާވަތްތަކުގެ މުދާ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ހޯސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ކުންފުނިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އެޖެންޓް ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި އަދާ ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯއިން އެތެރެކުރާ ބުރޭންޑްތަކުގެ މުދާ ފޯރުކޮށްދޭނެ 136 ޕީޕަލްސް ޗޮއިސް އޭޖެންޓުން އައްޔަންކޮށްފައިވާނެ ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުން ކަނޑައެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

މީރުމާ ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޕީޕަލްސް ޗޮއިސް އޭޖެންޓުންނަށް އެސްޓީއޯގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓް ތައާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ފަސޭހައިން ލިބޭނެ ގޮތް މަގު ފަހިވެ، އަތޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުން ކަނޑައެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

"ޕީޕަލްސް ޗޮއިސް އޭޖެންޓު ކަމަށް ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، މި ކަމުގައި ވިޔަފާރިވެރިން ދެއްވަވާ އެއްބާރުލުން ފާހަގަކޮއްލެވޭ. މިހާތަނަށް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެސްޓީއޯ ސްޓޭޕަލް އޭޖެންޓް އަދި އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓުން ތިބިއިރު މި ފަރާތްތަކަށް ވެސް އެސްޓީއޯ ޕީޕަލްޗޮއިސް މުދާ ވިއްކުމުގެ އެޖެންޓަކަށް ވެވިދާނެ،" އެސްޓީއޯ އިން ބުންޏެވެ.