ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.

މި މަޝްރޫއު ހިންގާފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުންނެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓު ދަށުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތް ހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނަރެއް ގާއިމްކުރުމުގެ އިތުރުން ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ހޯދައިދީފައިވާ ކަމަށެވެ. މީގެ އިތުރުން އާންމުންގެ ފަރާތުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް، ހުސައިން ވަހީދު ވިދާޅުވީ ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވުމާއެކު އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި ލައިބްރަރީ އިތުރަށް ތަރައްގީކުރަން ބޭނުންވީ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހަނިމާދޫ ސްކޫލްގައި ތަރައްގީކުރި ލައިބްރަރީ ކުދިންތަކެއް ފޮތް ކިޔަނީ. ފޮޓޯ: ބީއެމްއެލް

"އައު ފޮތްތަކާއި އިތުރު ގޮނޑި މޭޒުގެ އިތުރުން ސެން ކްލާސް ކުދިންނަށް ހާއްސަ ކޯނަރެއް ހިމަނައި ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމުވެފައި. މި ފުރުސަތުގައި ޖަމިއްޔާގެ މެންބަރުންނަށާއި އަދި އެހެނިހެން ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރެވުނު ފަންޑެކެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު އެ ބޭންކުން ދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.