ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ޕާކިން ބިލްޑިންއެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދަމާސް ކޮމްޕެނީއާ މިއަދު ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް އަޅަން ސޮއިކުރަން އެޗްޑީސީން މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސޯލިހު އެވެ.

އެޗްޑީސީން ބުނީ، މިކަމުގެ ސަބަބުން ހުޅުމާލެ މަގުމަތީގައި ޕާކުކުރާ އުޅަނދުތަކުގެ އަދަދު މަދުވާނެ ކަމަށެވެ. އަދި އުޅަނދުތައް ޕާކުކުރުމުގައި ދިމާވާ އެކި ކަހަލަ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ހުޅުމާލޭގައި "ވަން އެވެނިއު"ގެ ނަމުގައި މަތީ ފެންވަރުގެ އެޕާޓްމަންޓްތަކެއް ތަރައްގީކުރި ދަމާސް ކުންފުނިން މި ބިލްޑިން އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ދިމާލުގައި ހުންނަ "އޯޝަން ފްރޮންޓް"ގެ ފަހަތުގަ އެވެ. މި ބިލްޑިންގައި ސައިކަލާއި ކާރު ޕާކުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވާއިރު، ދަމާސްއާ ގުޅިގެން ހަދާ މި ބިލްޑިންގައި 36،155.97 އަކަފޫޓު ހުންނާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ހުޅުމާލޭގައި ޕާކިން ބިލްޑިން އެޅުމަށް ނިންމި ފެރީ ޓާމިނަލް ސަރަހައްދަކީ ގިނަ އަދަދެއްގެ އުޅަނދުތަކެއް ޕާކުކޮށްފައި ހުންނަ ސަރަހައްދެކެވެ.