Advertisement

ފްލައިމީން ރ. އިފުރަށް އުދުހެން ތައްޔާރުވެއްޖެ

FacebookTwitterWhatsAppTelegramViber

ވިލާ އެއާގެ ފްލައިމީ އިން ރ. އިފުރު އެއާޕޯޓަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ފްލައިމީން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިފުރުގެ އިތުރުން، ނ. މާފަރުގައި ހަދަމުން އަންނަ އެއާޕޯޓް ހުޅުވުމުން އެ އެއާޕޯޓަށް ވެސް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އެއާލައިން އިން އަދި ނުދެ އެވެ.

ފްލައިމީ އިން ވަނީ އެ އެއާލައިންގެ ފްލީޓަށް އިތުރުކުރާ ތިންވަނަ ބޯޓު މިދިޔަ ބުދަ ދުވަހު ގެނެސްފަ އެވެ. ފްލައިމީން ގެނެސްފައި ވަނީ އޭޓީއާރު 600-72 މަރުކާގެ، މުޅިން އާ ބޯޓެކެވެ. އޭޓީއާރުގެ އެންމެ ފަހުގެ ވައްތަރުގެ މި ބޯޓުގައި 72 ގޮނޑި ހުންނައިރު، ކޮންމެ ގޮނޑި ބަރިއެއްގެ ދޭތެރޭގައި 29 އިންޗީގެ ޖާގަ ހުރެ އެވެ.

ފްލައިމީ އިން އަންނަނީ އޭޓީއާރު 500-72 މަރުކާގެ ދެ ބޯޓު ބޭނުންކޮށްގެން މާލެ އިން ޑޮމެސްޓިކް އެހެން އެއާޕޯޓުތަކަށް ދަތުރުތައް ކުރަމުންނެވެ. އެ އެއާލައިނުން އުދުހޭ މަންޒިލްތަކުގެ ތެރޭގައި ވިލާ ކުންފުނިން ތަރައްގީކޮށްފައިވާ އދ. މާމިގިލީ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓް ހިމެނެ އެވެ. އަދި ފްލައިޓް ލިބޭ ވަރަކުން، އައްޑޫ އާއި ފުވައްމުލަކަަށް ވެސް އެ އެއާލައިނުން އުދުހެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ވިލާ އެއާގެ ފްލައިމީން ސީޕްލޭން ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު ގެންނަން ވެސް ވަނީ ނިންމާފަ އެވެ. ފްލައިމީން ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމުންނެވެ. އެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބެލެވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top