Advertisement

ސަން އައިލެންޑަށް 21 އަހަރު، ތިމާވެއްޓާ ރަށްޓެހި ޓޫރިޒަމްގެ ނަމޫނާއެއް

FacebookTwitterWhatsAppTelegramViber

މާލެ އިން ފުރައިގެން އދ. މާމިގީ އެއާޕޯޓަށް ފްލައިމީގައި އާދެވުނީ 25 މިނެޓުންނެވެ. އޭގެ ފަހުން ގެސްޓުންނާއި ސްޓާފުންނާ އެކު، ސަން އައިލޭންޑަށް ދާން އޮންނަ ޖެޓީން ފުރައިގެން ފަސް މިނެޓް ތެރޭގައި މި އާދެވުނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓަށެވެ.

ރިސޯޓަށް އަރައިގެން ދިޔައިރު ވެސް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ރަށުގެ ފެހިކަމެވެ. ބޮޑެތި ގަސްތަކާއި ރުށްތަކެވެ. މުޅި ރަށުގައި ހެދިފައި ހުރި ބޮޑެތި ރުށްތަކާއި ގަސްތަކުން މުޅި ރަށް އޮތީ ހިޔާވެފަ އެވެ. ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓަން ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް އިހްސާސް ވެގެން ދިޔަ އެވެ. ރަށުގެ މަގުތައް ކުނިކަހައި ސާފުކޮށްފައިވާ ގޮތް ފެނި ހާދަ ހިތްގައިމޭ ހިތަށް އެރި އެވެ. މި ރަށުގެ ފެހިކަމުގެ އިތުރުން ތިމާވެއްޓާ ރަށްޓެހި އާދަކާދަ ހިފެހެއްޓުމަށް މުޅި ރަށުގެ މުވައްޒަފުންނާއި މެނޭޖްމަންޓް ވެސް އޮތީ ތައްޔާރަށެވެ.

ޕްލާސްޓިކާ މުޅިން ދުރަށް

ސަންއައިލޭޑްގައި ބަންދުކުރާ 1 ލީޓަރުގެ ފެން ފުޅި/ ފޮޓޯ: އެމްބީއެސް

"މީގެ ހަތަރު މަސް ކުރިން ފެން ބަންދުރާ ޕްލާންޓެއް ގާއިމްކޮށް، މަހަކު 80،000 ޕްލާސްޓިކް ފުޅި މަދުކުރެވިއްޖެ،" ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބުދުﷲ ފަތުހީ ވިދާޅުވި އެވެ.

ޕްލާސްޓިކް ފުޅީގެ ބަދަލުގައި ރަށުގައި ބޭނުންކުރަނީ ރަށުގެ ފެން ޕްލާންޓުން އުފައްދައި ފެން ބައްދުކޮށްފައި ހުންނަ އެއް ލީޓަރުގެ ބިއްލޫރި ފުޅި އެވެ.

އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުގެ ވެސް އަމާޒެއްކަން ފާހަގަކުރައްވައި ފަތުހީ ވިދާޅުވީ ސަން އައިލޭންޑް ވެގެންދާނީ މިކަމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އަދި މިކަމުގައި އެންމެ ބޮޑަށް ބައިވެރިވާ އެއް ތަނަށް ކަމަށެވެ.

"އަހަރު ނިމިގެންދާއިރު އެއް މިލިއަން ޕްލާސްޓިކް ފުޅި ސޭވް ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފެންފުޅި ބޭނުން ކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށެވެ. މިއާ އެކު، މިހާރު އަމާޒު ހިފާފައި ވަނީ ޕްލާސްޓިކް ހޮޅި ބޭނުން ކުރުން ހުއްޓާލުމަށެވެ. އެގޮތުން، މަހެއްގެ މައްޗަށް 35،000 ޕްލާސްޓިކް ހޮޅި މަދުކުރުމަށް ރިސޯޓުން ވަނީ އަމާޒު ހިފާފަ އެވެ.

އެ ރިސޯޓުން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭނެ ކަންކަން އަބަދުވެސް ބަލަމުންކަން ފަތުހީ ފާހަގަކުރެއްވި އެވެ. ރަށުގެ މުވައްޒަފުން ވެސް އެ ކަމަށް ވިސްނާ ކަމަށާއި އެ ކަމުގައި ވަރަށް ބޮޑަށް އެއްބާރުލުން ދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ޒީރޯ ރެސްޓޯރަންޓް

ސަން އައިލޭންޑްގެ ސެލަޑް ޒީރޯ ރެސްޓޯރަންޓް / ފޮޓޯ އެމްބީއެސް

އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ހައްދާ ދަނޑުތަކުން ލިބޭ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން އެ ރެސްޓޯރަންޓުގައި މެނދުރު ކެއުމާއި ރޭގަނޑުގެ ކެއުން ހަމަޖައްސައި ދެ އެވެ. ވަށައިގެން ފެހި ގަސްތަކެއްގެ ތެރޭގައި ހަދާފައިވާ މި "ޒީރޯ ރެސްޓޯރަންޓް" ގައި ތައްޔާރުކުރާ ސަޓަނި ހެދުމަށް ބޭނުންކުރާ އެއްވެސް ގަހެއް ހައްދަނީ ކެމިކަލް ބޭނުން ނުކޮށެވެ. ދޮންކެޔޮ ވެސް ރަށުގައި ހައްދާއިރު އެއްވެސް ކެމިކަލެއް ބޭނުމެއް ނުކުރެ އެވެ.

މީގެ އިތުރުން، ރަށުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެ އެވެ. ރޯސްމެރީ، މިންޓް، ބޭސިލް ފަދަ ހާބްސް ވެސް ދަނޑުތަކުގައި ހައްދަ އެވެ. ޓޮމާޓޯ، މިރުސް އަދި ކަރަލާއި ބަރަބޯ ފަދަ ތަކެތި ހައްދާ ދަނޑުތައް ވެސް ރަށުގެ ބޮޑު ސަރަހައްދެއްގައި ގާއިމްކޮށް، އެ ތަންތަކުން އުފައްދާ ތަކެތި ވިލާގެ އެހެން ރިސޯޓްތަކަށް ވެސް ސަޕްލައި ކުރެ އެވެ.

އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ރަނގަޅު އެއް ރިސޯޓްގެ ގޮތުގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސަން އައިލޭންޑް ރިސޯޓުގައި މިވަގުތު ހާހަކަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހި މުވައްޒަފުންނެވެ. އަދި އަންހެން މުވައްޒަފުން ވެސް 17 އިންސައްތަ ހިއްސާކުރެ އެވެ. ދިވެހިންގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން މުވައްޒަފުން ތިބޭއިރު އދ. އަތޮޅު ރަށްރަށުގެ މުވައްޒަފުން ގިނަކަން ރިސޯޓުން ފާހަގަކުރެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top