އުރީދޫގެ ފައިދާއިން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

މިގޮތައް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 1،202 ހިއްސާދާރުންގެ ތެރެއިން 98.7 ޕަސެންޓް ހިއްސާދާރުންގެ ތާއީދާއެކު އެވެ.

އުރީދޫގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ. އުރީދޫއަށް މިދިޔަ އަހަރު 1.78 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި ސާފު ފައިދާގެ ގޮތުގައި 465 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ އުރީދޫގެ ހިއްސާގެ ފައިދާގެ ގޮތުގައި 2.70 ރުފިޔާ ބަހަން ފާސްކޮށްފައިވާއިރު މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ބަހާފައިވަނީ 2.34 ރުފިޔާ އެވެ.

އުރީދޫ މޯލްޑިވްސް ރޭ ކްރޮސް ރޯޑްސްގައި ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: އުރީދޫ

އިންކަމް ޓެކްސް ގާނޫނަށް ގެނައި ބަދަލާއެކު، ރެޒިޑެންސީ ކަށަވަރު ނުވާ ހިއްސާދާރުންގެ ހިއްސާއިން 10 ޕަސެންޓް ކެނޑުމަށް ހަމަޖެހިފައިވާތީ، ބައެއް ހިއްސާދާރުންނަށް ހިއްސާ ލިބުމުގައި ލަސްކަމެއް ދިމާވެދާނެތީ، އެކަމަށް ސަމާލުވުމަށް އުރީދޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރޭގެ ޖަލްސާގައި ވަނީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ފަރީހާ ޝަރީފު އިންތިހާބުކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވާފަ އެވެ. ފަރީހާއަށް 732 ވޯޓު ލިބުނު އިރު، އެންމެ ކައިރިން ވާދަކުރި އިބްރާހީމް ފިރުޝާނަށް ލިބުނީ 461 ވޯޓެވެ.

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުވި ފަރީހާ ޝަރީފު. ފޮޓޯ: އުރީދޫ

އުރީދޫގެ މި އަހަރުގެ އޮޑިޓަރަކަށް ހޮވާފައި ވަނީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އެ ކުންފުނި ކަނޑައަޅަން 98.7 ޕަސެންޓް ހިއްސާދާރުން ވޯޓުދިން އިރު، އުޖޫރައަކީ 62،920 ޑޮލަރެވެ.