Advertisement

4 ދުވަހުގެ މަސައްކަތު ހަފުތާ އިން މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވޭ

FacebookTwitterWhatsAppTelegramViber

މައިކްރޯސޮފްޓް ޖަޕާނުން ހާމަކުރާ ގޮތުގައި، ހަފުތާއަކު 4 ދުވަހު މަސައްކަތްކުރާ ގޮތަށް މުވައްޒަފުން ލައްވާ ކުރުވި ތަޖްރިބާ އިން މަސައްކަތުގެ އުފެއްދުންތެރިކަން 40 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.

މި ތަޖްރިބާ ކުރުމުގައި އޮގަސްޓް 2019 ގެ ކޮންމެ ހުކުރު ދުވަހަކު އޮފީސްތައް ހުރީ ބަންދުކޮށްފައެވެ. އަދި ފުލްޓައިމް މުވައްޒަފުންނަށް ޚާއްޞަ ލީވެއް ފުރިހަމަ މުސާރައާ އެކު ދިނެވެ.

ބައްދަލުވުންތަކުގެ ދިގު މިން 30 މިނިޓަށް ވުރެ އިތުރުނުވާ ގޮތަށް ހެދި އިރު، ދިމާވެގެން މަޝްވަރާކުރުމުގެ ބަދަލުގައި އޮންލައިން މަޝްވަރާތަކަށް ހިތްވަރުދިނެވެ.

މުޅި ދުނިޔޭގައި ވެސް މަސައްކަތްކުރާ ވަގުތު އެންމެ ދިގީ ޖަޕާނުގައެވެ.

2017 ވަނަ އަހަރު ކުރި ސާވޭ އަކުން ދައްކާ ގޮތުގައި، ޖަޕާނުގެ ކުންފުނިތަކުގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ކުންފުނިތަކުގައި ގިނަ ފަހަރަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް މަހަކު 80 ގަޑި އިރުގެ އޯވަރޓައިމް މަސައްކަތްކުރާ މުވައްޒަފުން އުޅެއެވެ.

މައިކްރޯސޮފްޓް ގެ "ވާކް ލައިފް ޗެލެންޖް ސަމަރ 2019" ތަޖްރިބާ ވެގެންދިޔައީ ސާވޭކުރެވުނު މުވައްޒަފުންގެ ތެރެއިން 92 ޕަސެންޓު މީހުންގެ ކައިރީގައި ވަރަށް މަގްބޫލު ކަމަކަށެވެ.

މައިކްރޯސޮފްޓުން ހާމަކުރި ގޮތުގައި، ދެ މަސް ވަންދެން ކުރިޔަށް ގެންދިޔަ ތަޖްރިބާކުރުމުގައި، އޮގަސްޓް 2018 އާ އަޅާބަލާއިރު، ކަރަންޓު ބޭނުންކުރާ މިންވަރު 23 ޕަސެންޓަށް ދަށަށް ގޮސް، ކަރުދާސް ޗާޕުކުރުން 59 ޕަސެންޓަށް ދަށަށް ގޮސްފައި ވެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެ ފަދަ ދެވަނަ ވޯކް ލައިފް ޗޮއިސް ޗެލެންޖެއް ފިނި މޫސުމުގައި ވެސް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. އެކަމަކު، ކުރިން ދިން ޚާއްޞަ ޗުއްޓީ އާ ނުލައެވެ. އެކަމަކު، މުވައްޒަފުންނަށް ވަޒީފާގައި އުޅޭ ވަގުތު އަރާމުކުރުމަށް ހުސްވަގުތު ނެގުމަށް ހިތްވަރުދެވޭނެ އެވެ.

މައިކްރޮސޮފްޓާ ދިމާ އިދިކޮޅަށް ޖެކް މާ ގެ ޗައިނާ ކުންފުނި އަލީބާބާ އިން ވަނީ ދުވާލަކު 12 ގަޑި އިރު މަސައްކަތްކުރާ ގޮތަށް ވަގުތުތައް ހަމަޖައްސާފައެވެ.

މިދިޔަ އެޕްރީލް މަހު ޖެކް މާ ވިދާޅުވެފައިވާ ގޮތުގައި، ހެނދުނު 9 އަކުން ރޭގަނޑު 9 އަށް މަސައްކަތްކުރާ ގޮތަށް ހަފުތާއަކު 6 ދުވަހު މަސައްކަތްކުރާ "996 ޕެޓާން" އަކީ 'ބްލެސިންގ' އެކެވެ.

އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީން އަންގައިގެން ނެރުނު ރިޕޯޓެއް ގައި ވާ ގޮތުން، 4 ދުވަހުގެ މަސައްކަތު ހަފުތާ އަކީ، ކަމުދާ ކަމެއް ނޫނެވެ.

ބައެއް މީހުން ދެކޭ ގޮތުގައި، ޕާޓް ޓައިމްކޮށް މަސައްކަތްކުރުން ނުވަތަ މަސައްކަތްކުރާ ދުވަސްތައް މަދުކުރުމުން، އެމީހުންނަށް ޖެހޭނީ ހަމަ އެއް މަސައްކަތްތަކެއް އެ ލިބޭ މަދު ވަގުތުތަކުގައި ކުރާށެވެ. އެކަމަކު އެއީ، ބައެއް މީހުން ދެކޭ ގޮތަށް ވިޔަސް، މައިކްރޯސޮފްޓުގެ ތަޖްރިބާކުރުން މިދައްކަނީ އޭގެ އިދިކޮޅަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top