އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ މެމްބަރަކު ހޮވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން "އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އަދި ފޯމް ހުށަހަޅަންވާނީ [email protected] އީމެއިލް އެޑްރެހަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ވެބްސައިޓް sto.mv ގައި ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ވެސް ހުށަހެޅޭނެ ކަމަށެވެ. އަދި ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ކުންފުނީގެ ވެބްސައިޓް sto.mv އިން ލިބެން ހުންނާނެ އެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ކުންފުނިން ކޮށްފައިވާ އިއުލާންގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ފޯމް ހުށަހަޅުއްވާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއުކުރާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ އިންޓަވިއުކޮށް، ޝޯޓް ލިސްޓްކުރާ ކެނޑިޑޭޓުންގެ ތެރެއިން އެ މަގާމަށް އިންތިހާބުކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ނަން ހުށަހަޅާނެ ފަރާތްތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެގޮތުން ބޯޑުން ކަނޑައަޅާ ފަރާތްތަކުގެ މައުލޫމާތު، ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް އާންމު ކުރެވޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މީގެ އިތުރުން، ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަން ބޭނުންވާނަމަ ވެސް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ކުންފުންޏަށް އެކަން އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ވެސް މިއަދު ހުށަހަޅާފައިވެ އެވެ.