ތ. އަތޮޅު ހިރިލަންދޫގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފާކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ސެލްފް ސާވިސް ހިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމް ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މިއޭޓީއެމްގެ ސަބަބުން ބޭންކިން ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ތ. ހިރިލަންދޫގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު. ފޮޓޯ: ބީއެމްއެލް

އެ ބޭންކުން ބުނީ މިއަދު ހިރިލަންދޫގައި ހުޅުވުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ތ. އަތޮޅު ގުރައިދޫ އަދި ވޭމަންޑޫގައި ސެލްފް ސާވިސް ބޭންކިންއާއެކު ގާއިމްކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ތިމަރަފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ތ. ހިރިލަންދޫގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު. ފޮޓޯ: ބީއެމްއެލް

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.