މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުއައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމަށް ހަތް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމައިފި އެވެ.

އެ ކުންފުނިން މުއައްޒަފުންނަށް މުސާރައާ އިނާޔަތްތަކާއެކު މި ޗުއްޓީ ދޭން ނިންމާފައިވާއިރު، މި ޕޮލިސީ އިފްތިތާހުކޮށްފައި ވަނީ އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑުގައި ބޭއްވި ހަފްލާއެއްގަ އެވެ.

އެމްޕީއެލުން "ޓްރައުމާ" ޗުއްޓީ ދޭން ނިންމީ، މަސައްކަތްކުރާ މުއައްޒަފުންގެ ދިރިއުޅުމުގައި ދިމާވާ އެކި ޓްރައުމާތަކުން އަރައިގަތުމަށްޓަކައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މިއީ މުއައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ގޮތުން ހުރިހާ އިނާޔަތްތަކެއް ލިބޭ ގޮތަށް ތައާރަފްކުރި ޕޮލިސީއެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މުއައްޒަފުންގެ މަސައްކަތުގެ ފެންވަރާއި، ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުން އޮންނަކަން ފާހަގަކުރަމުން އެމްޕީއެލުން ބުނީ، ދިރިއުޅުމުގައި ދިމާވާ "ޓްރައުމާ" ތަކަކީ އެހީއާއެކު އެކަމުން އަރައިގަނެވޭނެ ކަންތައްތައް ކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން މުއައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީވުމުގެ ގޮތުން ހަތް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެ އެވެ.

އެމްޕީއެލުން "ޓްރައުމާ" ޗުއްޓީ ދޭން ނިންމާފައިވަނީ މާބަނޑު މުވައްޒަފެއްގެ ދަރި ބައިގެން ދިއުމާއި، މުވައްޒަފެއްގެ ދަރިއެއް ނިޔާވުމުގެ އިތުރުން ދިރިއުޅެމުން އަންނަ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކާރިސާއިން ބޮޑެތި ގެއްލުންތަކެއްވެ، ސަރުކާރުގެ ވަގުތީ ހިޔާއަކަށް ބަދަލުވާން ޖެހުމުންނެވެ.