ދުބާއީގައި ހުންނަ އިންވެސްޓްމަންޓް ހޯލްޑިންގް ގްރޫޕަކުން ޑިޖިޓަލް ބޭންކިންގެ ހިދުމަތް ރާއްޖޭގައި ދިނުމަށް ލައިސަންސް ހޯދަން އެމްއެމްއޭއަށް އިއްޔެ ހުށަހަޅައިފި އެވެ.

ޑިޖިޓަލް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ނަމުގައި ޑިޖިޓަލް ބޭންކެއް ހިންގަން ހުށަހަޅާފައި ވަނީ ދުބާއީގެ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގައި ހިންގާ މޮޖޭ ގްލޯބަލް ހޮލްޑިން ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑީބީބީއެމް ތައާރަފް ވެގެން ދިއުމަކީ ރޮބޮޓިކްސް، އޭއައި އަދި މޮބިލިޓީގެ އިތުރުން ޓެކް އިންޑަސްޓްރީގައި އެ ކުންފުންޏަށް ލިބޭ އާ ކުރިއެރުމެއްް ކަމަށެވެ. އޭގެ އިތުރުން ޓެކްނޮލޮޖީ އަދި ރޮބޮޓިކް މޮބިލިޓީ އާއި އެފްއެމްސީޖީ، ރިއަލް އެސްޓޭޓް، ފައިނޭންޝަލް އެސެޓްސް އަދި ފިންޓެކްގެ ތަޖުރިބާކާރުން ވެސް ހިމެނޭ ކަމަށް ވެސް މޮޖޭ ގްލޯބަލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަލަށް ތައާރަފުކުރާ ޑިޖިޓަލް ބޭންކް ވެގެންދާނީ މުޅިން އޮޓޮމޭޓްކޮށްފައިވާ އަދި ހިދުމަތް ހޯދަން ދިމާވާ އުނދަގޫތައް މަދު ހިދުމަތް ހޯދަން ހޭދަވާ ބޭކާރު ވަގުތު މަދު ހިދުމަތްދޭ ބޭންކަކަށް ކަމަށެވެ. އަދި ހިދުމަތް ހޯދަން އަވަސްކުރުމުގެ ގޮތުން ބޭނުންކުރާނީ ވަރަށް ފަސޭހައިން ރަޖިސްޓްރީކުރެވޭނެ އުސޫލެއް ކަމަށް ވެސް މޮޖޭ ގްލޯބަލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ބޭންކު އެކައުންޓު ހުޅުވުމަށް ނަގާނީ މަދު މިނެޓްކޮޅެއް ކަމަށާއި އޭގެ އިތުރުން ލޯނު އެޕްލިކޭޝަންތަކާއި އަމިއްލައަށް ފައިސާ ދެއްކުމާއި އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ ދެއްކުން ވެސް ފަސޭހަވުމުގެ އިތުރުން އެއް ފަހަރާ ގިނަ އަދަދެއްގެ ބަޔަކަށް ފަސޭއިން ފައިސާ ފޮނުވާނެ ގޮތް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް މޮޖޭ ގްލޯބަލް އިން ބުންޏެވެ.

ޑިޖިޓަލް ބޭންކު އުފައްދަން ހުށަހެޅި ކުންފުނިން ބުނީ ހިދުމަތުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ބަޔޯމެޓްރިކްސް، އައުޓް އޮފް-ބޭންޑް އޮތެންޓިޓިކޭޝަން، ޑިވައިސް މެނޭޖްމަންޓް، ކާޑް ޓޯކަނައިޒޭޝަން، ޑޭޓާ އެންކްރިޕްޝަން، ޓޫ ފެކްޓާ އޮތެންޓިކޭޝަން، ޓްރާންސެކްޝަން ނިމުމުގެ ކުރިން އޯޓީޕީ ފޮނުވުން، ފްރޯޑް ޑިޓެކްޝަން ސިސްޓަމް އަދި އީ ސިގްނޭޗާ ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޑީބީއެމް އިފްތިތާހުކުރުމުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގައި މިހާރު ހުރި 37.5 ޕަސެންޓުން 44.4 ޕަސެންޓަށް ރާއްޖޭގެ ލޯކަލް ބޭންކްތައް ކުރިއަރައިގެން ދިއުން ކަމަށް މޮޖޭ ގްލޯބަލް އިން ބުންޏެވެ. އަދި ޕްރައިމަރީ މާކެޓްގެ ގޮތުގައި ރާއްޖެއާއެކު، ޑީބީއެމްގެ ހިދުމަތްތައް އެހެން ގައުމުތަކުގައި ފުޅާކުރާނެ ކަމަށާއި އެގޮތުން ޔޫއޭއީ، ބްރެޒިލް، އިންޑިއާ އަދި އެމެރިކާ ފަދަ ސަރަހައްދުތައް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ

"މި ފިންޓެކް ޕްރޮޖެކްޓްގެ ސަބަބުން އީޖާދީ މާލީ ޚިދުމަތްތަކާއި، ފައިދާ ކުރާނެ ހައްލުތައް ވިޔަފާރިވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޒުވާނުން ވެސް ބާރު އެޅިގެންދާނެ،" މޮޖޭ ގްލޯބަލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތުގެ ސަބަބުން ޒުވާން ސްމާޓްފޯން ބޭނުންކުރާ އާބާދީއަށް ވާދަވެރި ރޭޓުތަކުގައި ހިދުމަތް ދޭނެ ކަމަށެވެ. އޭގެ އިތުރުން ޑީބީއެމްގައި ގެންގުޅޭނީ ހަރަދު ކުޑަ ބިޒްނަސް މޮޑެލްއެއް ކަމަށާއި، އެ މޮޑެލްގައި ކްލައިންޓުންނަށް ޝައުގުވެރި ރޭޓްތަކެއްގައި ހިދުމަތް ދޭން ނިންމާފައިވާ ކަމަށް ވެސް މޮޖޭ ގްލޯބަލް އިން ބުންޏެވެ.